އުތުރު ތިލަ ފަޅު

ޔޫޓީއެފް އެއްބަސްވުން ހާމައެއް ނުކުރި

Oct 22, 2021
8

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭ ބައެއް މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި ގޮތަށް ޑިފެންސް މިނިސްޓްރީ އަމަލެއް ނުކުރި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުމާ އެއްގޮތަށް އަމަލުނުކުރި މައްސަލާގައި ޑިފެންސް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭ މައުލޫމާތުތަކެއް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ އެ އެއްބަސްވުން ހޯދަން ދިޔަރެސް ނޫހުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެކަން ކުރަން ދެކޮޅު ހަދާފައިވާތީ އެ ނޫހުން އައިކޮމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ އުތުރު ތިލަފަޅު -- ޔޫޓީއެފް އެއްބަސްވުން ހިއްސާ ކުރަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދަނީ ގައުމީ ސަލާމަތާ ގުޅޭ އެއްބަސްވުމަކަށް ވާތީ ކަމަށް އެފަރާތުން ބުނާ ކަމަށެވެ. ނަމަވެސް އެއީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތު ހުރި އެއްބަސްވުމެއް ކަމަށް ދެކެވަޑައި ނުގަންނަވާތީ ކޮމިޝަނަރު ވަނީ ހަތް ދުވަހުގެ ތެރޭގައި އެއްބަސްވުން ހާމަކުރުމަށް ޑިފެންސް މިނިސްޓްރީ އަށް އެ ދުވަހު އަންގަވާފަ އެވެ.

ހޯދަން އެދުނު މައުލޫމާތު

  • އިންޑިއާގެ "ޓެކްނިކަލް" ބައެއް ކަމަށް ބުނާ މީހުން ނިސްބަތްވާ މުއައްސަސާ.
  • "ޓެކްނިކަލް" މީހުންނަށް ޑިޕްލޮމެޓިކް އިމުނިޓީ ލިބޭނެ ގޮތުގެ ތަފްސީލްތައް
  • "ޓެކްނިކަލް" މީހުންގެ އެއްވެސް ހަރަދެއް ދިވެހި ސަރުކާރުން ބަލާނަމަ އެކަމުގެ ތަފްސީލް
  • "ޓެކްނިކަލް" މީހުންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު
  • އިންޑިއާ މީހުންނަށް ރާއްޖޭގައި ތިބުމަށް ހުއްދަ ދީފައިވާ މުއްދަތު.
  • އެއްބަސްވުމާ ގުޅިގެން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ މައުލޫމާތު

ހޯދަން އެދިފައިވާ ލޯނު އެއްބަސްވުން ހަދާފައިވަނީ ޑިފެންސް މިނިސްޓްރީން ކަމަށް ނުވާތީ ލޯނާ ގުޅޭ މައުލޫމާތު ނެތް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަށް ރައްދުދީ ކޮމިޝަނަރު ވިދާޅުވީ ޑިފެންސްގައި އެ މައުލޫމާތު ނެތް ނަމަ ކަމާ ގުޅޭ އިދާރާ އިން މައުލޫމާތު ހޯދައި ފޯރުކޮށްދިނުމަކީ މިނިސްޓްރީން ކުރަންޖެހޭ ކަމެެއް ކަމަށެވެ. އެހެންވެ އެގޮތަށް އަމަލުކުރަން ވެސް ކޮމިޝަނަރު އެންގެވި އެވެ. ދިޔަރެސް ނޫހުން ބޭނުންވާ ބައެއް ކަހަލަ މައުލޫމާތު ހިއްސާކުރުމަކީ ސިފައިންގެ ގާނޫނުގެ ދަށުން ކުށްވެރިވާނެ ކަމެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނި ނަމަވެސް އެކަން އެ މިނިސްޓްރީ އަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވި އެވެ.

އިންޑިއާގެ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި، ބަނދަރެއް ހަދަން ސޮއި ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ތިބެވޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ވާދަވެރި ސިޔާސީ ޕާޓީ ތަކުން ދަނީ ބުނަމުންނެވެ. އަދި އެ އެއްބަސްވުމާ ގުޅޭ ޑްރާފްޓްގެ ކޮޕީއެއް ކަމަށް ބުނާ ލިޔުމެއް ލީކް ކޮށްލައިފައިވާއިރު ސަރުކާރުން ބުނީ އެއީ ފޭކް ލިޔުމެއް ކަމަށެެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން މަޖިލީހާ ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް މިހާރު ވަނީ ޑިފެންސް މިނިސްޓްރީއަށް އަންގާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު އިއްޔެ އަވަސް އަށް ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅިގެން ހާމަކުރަން އެންގި މައުލޫމާތު ނުލިބޭ ކަމަށްވާނަމަ އެކަމުގައި ދެން ކުރިއަށް ދެވޭނެ ގޮތެއް ބައްލަވާނެ ކަމަށެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ އަޑުތައް ގަދަވަމުންދާއިރު އިންޑިއާ ސަރުކާރުން އެންމެ ފަހުން ބުނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކުގެ އަސާސަކީ ރައީސް އަބްދުﷲ ޔާމީން 2016 ވަނަ އަހަރު އިންޑިއާ އަށް ވަޑައިގެން ސޮއި ކުރެއްވި އެކްޝަން ޕްލޭން ކަމަށެވެ.