އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑްގެ ކުރެހުން ކަމަށް ބުނެ ބައެއް މީޑިޔާތަކުގައި ދައުރުކުރާ ކުރެހުންތަކަކީ މިހާރު ސޮއިކޮށްފައިވާ އެގްރީމަންޓް ޕްރޮޖެކްޓްގެ ކުރެހުންތަކެއް ނޫން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުން ދަނިކޮށް އުތުރުތިލަފަޅު ޕްރޮޖެކްޓާއި ގުޅިގެން އިންޑިއާއިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ޓާމްސް އޮފް ރިފަރެންސްގެ ބައެއް ސަފްހާތަކާއި އޭގައިވާ ބައެއް ކުރެހުންތައް ކަމަށް ބުނާ ލިޔުންތަކާއި ކުރެހުންތަކެއް ވަނީ އާންމުވެފައެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި އެ ފަޅުގައި އެއާ ފީލްޑެއް ނުވަތަ މަތިންދާބޯޓު އުދުއްސުމަށް ބޭނުންވާނެ ވަސީލަތްތަކާއި މަތިންދާބޯޓު ޕާކުކުރުމަށް އެކަށީގެންވާ ވަސީލަތްތަކުގެ އިތުރަށް މަތިންދާބޯޓާއި ވައިގެ އުޅަނދުފަހަރު މަރާމާތުކުރުމަށް ބޭނުންވާ ހޭންގަރުތައް ބިނާކުރަން އިންޑިއާ ސަރުކާރުގެ ހުށައެޅުމުގައިވެއެވެ.
އެކަމަށް އިޝާރާތްކޮށް ޑިފެންސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑްގެ ކުރެހުން ކަމަށް ބުނެ ބައެއް މީޑިޔާތަކުގައި ދައުރުކުރާ ކުރެހުންތަކަކީ މިހާރު ސޮއިކޮށްފައިވާ އެގްރީމަންޓް ޕްރޮޖެކްޓްގެ ކުރެހުންތަކެއް ނޫން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ޑިފެންސް މިނިސްޓްރީން ކުރީން ވަނީ އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ދިވެހި ގައުމީ ދިފާއީ ބާރުގެ ބޭނުންތަކަށް އަމާޒުކޮށް ގަައުމީ ދިފާއީ ބާރުން ފަރުމާކޮށް ދިވެހި ސިފަައިންގެ ގާބިލުކަން އިތުރުކުރުމަށް ތަަރައްގީ ކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް ތަނެއް ކަމަށްވެސް ބުނެފައެވެ. އަދި އެއީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާނެ ބަނދަރެއް ކަަމަށެވެ.
އުތުރު ތިލަފަޅަކީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއް ކަަމަށް ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށްވެސް ބުންޏެވެ.
ރައީސް ޔާމީން ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތައް ވަރަށް ނުރައްކާ ކަމަށް ވިދާޅުވެ މީގެ ކުރީން ހާމަނުކުރައްވާ ބައެއް މައުލޫމާތުތައް ދާދި ފަހުން އާންމު ކުރައްވާފައެވެ. ވިދާޅުވީ ރާއްޖެ-އިންޑިއާ އިން ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި މިހާރު ރާއްޖެ ސަރަހައްދަށް ވަދެވޭނެ ކަމަށެވެ. ދިވެހި ސަރުކާރަށް ހަމައެެކަނި އިންޑިއާގެ އުޅަނދެއް ރާއްޖެ އަންނަކަން އަންގާލުމުން ފުދޭ ގޮތަށް އެއްބަސްވުން ހަދާފައިވާ ކަަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
އަދި އެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ބޭނުން ބާވަތެއްގެ ހަތިޔާރެއް ބޭނުން މިންވަރަކަށް އެތެރެ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވާން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެ ވާހަކަތައް ޑިފެންސުން ދޮގު ކުރެއެވެ. އެ މިނިސްޓްރީން ބުނީ އެހެން ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރީން ހޯދަން ޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމި އޮންނާނެ ސިޔާދަތީ ހައްގެއް ނުވަތަ ސޮވެރިން ރައިޓްސްއެއް ކަމަށެވެ.
"އެހެން ކަމުން ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައުމުގައި ދިވެެހި ދައުލަތުގެ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާ އަދި މި ބަނދަރަށް ވަންނަން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް ދައްކާފައިވާ ދޮގު ވާހަކަތަކަންވެސް ފާހަގަކުރަމެވެ،" މި މަހުގެ 12 ވަނަ ދުވަހު ޑިފެންސުން ނެރުނު ބަޔާނުގައިވެއެވެ.