ޑިފެންސް މިނިސްޓްރީ

އުތުރު ތިލަފަޅަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ނޫން: ޑިފެންސް

އުތުރުތިލަފަޅަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅު ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި އެވެ. އެ މިނިސްޓްރީން މިރޭ ވަނީ އދ. މަހިބަދޫގައި އިއްޔެ އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ ގުޅޭގޮތުން ކުރީ ރައީސް އަދި އިދިކޮޅު ލީޑަރު ދެއްކެވި ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސް ކަމާއި ފިތުނަ އުފެދޭ ގޮތަށް ދައްކާފައިވާ ހަގީގަތަކާއި ހިލާފު ވާހަކަތަކެއް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ރައީސް ޔާމީންގެ ނަން ފާހަގަނުކޮށް ނަމަވެސް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށް އަމާޒުކުރައްވާ އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި ތަރައްގީ ކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ދިވެހި ގައުމީ ދިފާއީ ބާރުގެ ބޭނުންތަކަށް އަމާޒުކޮށް ގަައުމީ ދިފާއީ ބާރުން ފަރުމާކޮށް ދިވެހި ސިފަައިންގެ ގާބިލުކަން އިތުރުކުރުމަށް ތަަރައްގީ ކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް ތަނެއް ކަމަށެވެ. އަދި އެތަނަށް ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާނެ ބަނދަރެއް ކަަމަށެވެ.

"މި ތަނަކީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއް ކަަމަށް ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ،" 

ރައީސް ޔާމީން އިއްޔެ ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތައް ވަރަށް ނުރައްކާ ކަމަށް ވިދާޅުވެ މީގެ ކުރީން ހާމަނުކުރައްވާ ބައެއް މައުލޫމާތުތައް އާންމު ކުރައްވާފައެވެ. ވިދާޅުވީ ރާއްޖެ-އިންޑިއާ އިން ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި މިހާރު ރާއްޖެ ސަރަހައްދަށް ވަދެވޭނެ ކަމަށެވެ. ދިވެހި ސަރުކާރަށް ހަމައެެކަނި އިންޑިއާގެ އުޅަނދެއް ރާއްޖެ އަންނަކަން އަންގާލުމުން ފުދޭ ގޮތަށް އެއްބަސްވުން ހަދާފައިވާ ކަަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

އަދި އެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ބޭނުން ބާވަތެއްގެ ހަތިޔާރެއް ބޭނުން މިންވަރަކަށް އެތެރެ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވާން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އެ ވާހަކަތަކަށްވެސް ބަޔާނުގައި ވަނީ ރައްދު ދީފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެހެން ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރީން ހޯދަން ޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމި އޮންނާނެ ސިޔާދަތީ ހައްގެއް ނުވަތަ ސޮވެރިން ރައިޓްސްއެއް ކަމަށެވެ.

"އެހެން ކަމުން ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައުމުގައި ދިވެެހި ދައުލަތުގެ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާ އަދި މި ބަނދަރަށް ވަންނަން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް ދައްކާފައިވާ ދޮގު ވާހަކަތަކަންވެސް ފާހަގަކުރަމެވެ،" ޑިފެންސްގެ ބަޔާނުގައިވެއެވެ.