އުތުރު ތިލަފަޅުގައި ހިނގަނީ ދިވެހި ސިފައިންގެ ބާރު ކަމަށާއި، އެތަނުގައި އިތުރު އެހެން އެއްވެސް ބައެއްގެ ބާރު ނުހިނގާ ކަމުގެ ޔަގީންކަންދޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުތުރު ތިލަފަޅު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެތަނުގައި ތިބީ ދިވެހި ސިފައިންނާއި އުތުރު ތިލަފަޅު ހެދުމުގެ މަސައްކަތުގައި އުޅޭ އިންޑިއާ ކުންފުނީގެ މުވައްޒަފުން ކަމަށެވެ.
އުތުރު ތިލަފަޅަށް ސަރުކާރުން ދީފައިވާ ނަމަކީ 'އެކަތަ' ބަނދަރެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުންދާ މި ބަނދަރަކީ، ދިވެހި ކޯސްޓް ގާޑުގެ އުޅަނދުފަހަރު އެޅުމަށާއި، އެ އުޅަނދުތައް މަރާމާތު ކުރަން ތަރައްގީ ކުރާ ތަނެކެވެ.
ދިވެހި ސަރުކާރުން އިސްނަގައިގެން އިންޑިއާ ސަރުކާރާ އެކު މި މަޝްރޫއުގެ މަޝްވަރާ އެންމެ ފުރަތަމަ ކޮށްފައިވަނީ 2013 ވަނަ އަހަރު އޭރުގެ ދިފާއީ ވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ފުޅެއްގައި ކަމަށްވެސް ބަޔާންގައި ފާހަގަކޮށްފައިވެ އެވެ.
އޭގެފަހުން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން 2016 ގައި އިންޑިއާއާ އެކު ސޮއިކުރި "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިއާ" އެއްބަސްވުމުގައިވެސް އެ ފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގަން އެއްބަސްވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
މިމަޝްރޫއުގެ ސްކޯޕް ކުޑަކޮށް މިފަޅުގައި ކޯސްޓުގާޑު އުޅަނދުތަކުގެ ބޭނުމަށް ބަނދަރަކާއި ޑޮކްޔާޑެއް އަޅަން ނިންމީ މި ސަރުކާރުން ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖޭގައި އަސްކަރީ ބޭނުމުގައި އެއްވެސް ގައުމެއްގެ ސިފައިން ނެތްކަން ޑިފެންސް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފަ އެވެ. އެމްއެންޑީއެފްގެ އިސް ބޭފޅުން ވެސް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގައި ބޭރުގެ އަސްކަރީ ސިފައިން ނެތްކަން ޔަގީންކޮށްދެއްވި އެވެ.