ހަމަނުޖެހުން އޮންނަ ގޮތަކަށް ހިޔާލު ފާޅުކުރާނަމަ ފުލުހުންނާއި ސިފައިން އެކަން ހުއްޓުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މާރިޔާ ވަނީ އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އެޅުމަށްޓަކަައި ހަރުގެ އަންދާ، ކަޅު ތެޔޮ ޖެހުން ކުށްވެރި ކުރައްވާފަ އެވެ. އަދި އިދިކޮޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ދަތުރުފުޅުތަކަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"2018 ގެ ކެމްޕެއިން ކުރިއަށް ދިޔަ އިރުވެސް އެމްޑީޕީ އިދިކޮޅުގައި އޮވެގެން މިކަހަލަ އެއްވެސް ކަމެއް އެމްޑީޕީގެ ފަރާތުން ފެނިފައެއް ނުވާނެ، މިއަދުވެސް ފެނިފައެއް ނުވާނެ،" އިދިކޮޅުގެ އަމަލުތައް ކުށްވެރި ކުރައްވަމުން މާރިޔާ ވިދާޅުވި އެވެ.
ރައީސް ސޯލިހު ދަތުރުކުރައްވާއިރު ފުލުހުންނާއި ސިފައިންނާއި އެކުގައި ދަތުރުކުރައްވަނީ އެމަނިކުފާނުގެ ސަލާމަތަށްޓަކައި އަދި ގާނޫނުގެ ދަށުން ފުލުހުންނާއި ސިފައިންނަށް އެކަން ކުރުމަށް އަންގާފައި ވާތީ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުންނަށްވެސް ސިފައިންނާ ފުލުހުންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. ކެމްޕޭނަށް ހުރަސް އަޅާކަމަށް ވާނަމަ ފުލުހުންނާއި ސިފައިންގެ އެހީ ލިބިގަތުމަށްވެސް މާރިޔާ އިލްތިމާސްކުރެއްވި އެވެ.
މާރިޔާ ވިދާޅުވީ ކޮންމެ ކެންޑިޑޭޓަކަށްވެސް މިނިވަންކަމާއެކު ކެމްޕޭން ކުރެވެން ޖެހޭނެ ކަމަށެވެ. އަދި 2018 ވަނަ އަހަރު ކެމްޕޭން ކުރި އިރު ދިވެހިރާއްޖެ އޮތް ހާލަތަށް ދެވަނަ ފަހަރު ނުވެއްޓުމަށްވެސް އޭނާ އެދިވަޑައިގަތެވެ.
"ވޯޓު ލުމަކީ އަޅުގަނޑު އަބަދުވެސް ދަންނަވަން، ސިފައިންނާ ފުލުހުންނަށްވެސް އަޅުގަނޑު ދަންނަވަން އެއީ ސިޔާސީ ހަރަކާތެއް ނޫނޭ، އެއީ ގައުމީ ތަރައްގީގައި ބައިވެރިވުމޭ،" އެކަމަނާ ވިދާޅުވި އެވެ.
ގައުމީ ތަރައްގީގައި ބައިވެރި ނުވެ ގައުމުގެ އަމާންކަން ނަގައިލުމަށް ކުރެވޭ މަސައްކަތްތައް ފުލުހުންނާއި ސިފައިން ހުރަސް އަޅަން ޖެހޭނެ ކަމަށްވެސް މާރިޔާ ވިދާޅުވެފައިވެ އެވެ.