ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން ޕާކް ކުރަން ހުރި ޖާގަތައް މުއްސަނދިންނަށް ވިއްކާލާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މާރިޔާ މިހެން ވިދާޅުވީ ގަވައިދާ ހިލާފަށް ޕާކްކޮށްގެން ޖޫރިމަނާކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ޖޫރިމަނާ މައާފްކޮށްދެއްވާނެ ކަމަށް މުއިއްޒު ރޭ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.
"ދެން މިވިއްކާފައި އަދި މިހުރިހާ ކަމެއް މިހެން ކޮށްފައި އަމިއްލަ ތަނެއްހެން ޕޭމަންޓް މަތީ އެއޮތީ ހޮޅި ޖަހާފައި. މިހާރު ޕޭމެންޓުގައި މީހުންނަށް ހިނގާ ނުލެވޭ. ތޮއްޖެހިފައި އެއޮތީ،" މުއިއްޒުގެ ކެމްޕޭން ބެނާ ހަރުކުރުމަށް މަޖިދީ މަގުގެ ޕޭމަންޓްގައި ޖަހާފައިވާ ހޮޅިތަކަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ޕާކުކުރަން ޖާގަ ނެތުމުން ޕާކު ކުރަން ހުއްދަ ނެތް ސަރަހައްދުތަކުގައިވެސް ރައްޔިތުން ޕާކު ކުރާނެ ކަމަށެެވެ. ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހަނީ ޕާކް ކުރާނެ ޖާގަ މުއިއްޒު ދީފައި ނުވާތީ ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި އެކަނި ކަމަށްވެސް ވިދާޅުވި އެވެ.
"ތަންނުހަދާ މިގޮތަށް ތޮއްޖައްސާފަ ދެން ފައިން އެރީމަ މިބުނަނީ ތިމަންނާ މައާފުކޮށްދެއްވާނަމޭ. ބައްލަވާ މައާފް ކޮށްދެއްވުން އެކަންޏެއް ނޫނޭ ބޭނުންވަނީ، ޕާކް ކުރެވޭނެ ގޮތްގޮތް ހަދައިދެއްވާ،" މާރިޔާ ވިދާޅުވި އެވެ.
ޖޫރިމަނާ މައާފް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވަނީ ކެމްޕޭންގައި ރައްޔިތުންގެ ތާއީދު ހޯދުމަށް ކަމަށް މާރިޔާ ވިދާޅުވި އެވެ. އެކަމަކު މުއިއްޒަށް ވެރިކަން ލިބިއްޖެނަމަ ރައްޔިތުން އުޅޭނީ ވަރަށް ހާލުގައި ކަމަށްވެސް ވިދާޅުވި އެވެ.
މާރިޔާ ވަނީ ގަވައިދާ ހިލާފަށް ޕާކް ކޮށްގެން ޖޫރިމަނާ ކުރުމުން އެ ފައިސާ އަބަދު މައާފް ކޮށްދޭނަމަ އެފަދަ ފިޔަވަޅެއް އެޅުމުގެ ބޭނުމާ މެދު ސުވާލުވެސް އުފައްދަވާފަ އެވެ.
"އަޅުގަނޑު ކޮންމެ ދުވަހަަކުވެސް ބުނަމުން މިދަނީ މުއިއްޒުގެ އެއްވެސް ރޭވުންތެރިކަމެއް ނެތޭ. އަގުކުރުމެއް ނެތޭ. ވިސްނުމެއް ނެތޭ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ މުއިއްޒު މަސައްކަތް ކުރައްވަނީ 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މަގުތައް އޮތް ނުރައްކާތެރި ހާލަތަށް އަލުން މާލެ ގެންދިއުމަށް ކަމަށެވެ. އެކަމަކު އެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނެ ކަމުގައި ވިދާޅުވި އެވެ.
"އަނިޔާވެރިކަން އަދި ގާނޫނުއަސާސީ އާއި ހިލާފަށް ކުރިއަށް ގެންދިޔަ ހުރިހާ ކަމެއްގައި މުއިއްޒު ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްހެން އިނީ ބައިވެރިވެ ވަޑައިގެން އަތުގުޅާލާފައި،" މުއިއްޒަށް ފާޑުކިޔުއްވާ މާރިޔާ ވިދާޅުވި އެވެ.