ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުންނަށް ވެސް ފްލެޓް ދިނީ މިސަރުކާރުން ކަމަށާއި މިކަމުންވެސް އެނގެނީ މިސަރުކާރުން އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެކަން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ މިސަރުކާރުން ގެންގުޅެނީ އެއްވެސް ރައްޔިތަކު ބާކީ ނުކުރުމާއި ތަފާތު ނުކުރުމުގެ ސިޔާސަތެއް ކަމަށަވެ.
ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަނީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަން ވެސް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމުގައި މާރިޔާ ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޭން އުޅުމުން އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޭން މިސަރުކާރުން ނިންމުމާ ގުޅިގެން އެއީ މިސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި ކަމަށްވެސް މާރިޔާ ވިދާޅުވި އެެވެ. ނަމަވެސް މިސަރުކާރުގައި ފްލެޓް ލިބޭ މީހުންނަށް ދޫކުރާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް މުއިއްޒުގެ އަނބިކަނބަލުންނަށް މިހާރުވެސް ލިބިފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"[އެކަމަކު] ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ އަދިވެސް އާއިލާ ބޭފުޅުންނަށާއި އަބިކަބަލުންނަށް ފުލެޓް ނަންގަވާނެ،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުއިއްޒު ކަންތައް ކުރައްވާ ގޮތާ މިސަރުކާރުގައި ކަންތައްތައް ކުރަމުންދާ ގޮތް ވަރަށް ބޮޑަށްވެސް ތަފާތުވާނެ ކަމަށެވެ.
"އެބޭފުޅުންގެ ފަހަތުން ދުވާނެ ބައެއް ނޫން އަހަރެމެންނަކީ. އަހަރެމެންނަކީ ޒިންމާދާރުކަމާއެކު މަސއްކަތް ކުރާ ބައެއް. މިކަން އެނގޭނެ ރަތްތަކަށް ކުރައްވާ ކެމްޕޭން ދަތުރުތަކުންވެސް. ރައީސް ސޯލިހަށް އޮންނަ ތާއީދެއް މުއިއްޒު އަކަށް ނޯވޭ. އެހެންވެ އެމީހުން ކަންބޮޑުވަނީ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ފުލުހުން ބޭނުންކޮށްގެން ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާ ތަކުރާރުވާން ބޭނުން ނުވާނަމަ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ހުރިހާ ރައްޔިތުންވެސް ވޯޓު ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"އޭރުން އުފާވެރި އަމާން ރާއްޖެއެއް ރައްޔިތުންނަން ލިބިގެންދާނެ،" މާރިޔާ ވިދާޅުވި އެވެ.