މާރިޔާ އަހުމަދު ދީދީ

މުއިއްޒުގެ ޖަރީމާތައް ހަނދާން ނުނެތޭނެ: މާރިޔާ

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހިންގާފައިވާ ޖަރީމާތައް ރައްޔިތުން ހަދާން ހުންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި މާރިޔާ ވަނީ އާންމު އުސޫލުން ކަންކުރައްވާ ފަދައިން މިރޭވެސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މާރިޔާ ވިދާޅުވީ އެލް ބޯޑު ޖަހައިގެން ފެބްރުއަރީ 2012 އިން ފެށިގެން ނޮވެމްބަރު 2018 އަށް ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން އަދި މިހާރު މާލޭގެ މޭޔަރަކަށް ހުންނަވައިގެން މުއިއްޒު ހިންގާފައިވާ ޖަރީމާތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަނގަޅަށް އެގޭނެ ކަމަށެވެ.

"އަޅުގަނޑު ކޮންމެހެން ދަންނަވާކަށް ނުޖެހޭ،" މުއިއްޒު ގޯސްކޮށް ކުރެއްވި ކަމަށް ބުނާ އެތައް ކަމެއް ފާހަގަކުރައްވާ މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ މުއިއްޒުގެ ވަޒީރު ކަމުގައި ކުރިއަށް ގެންދެވި ކޮންމެ މަޝްރޫއެއް ނިމެނީ ދެ ފަހަރަށް އެކަމެއް ކުރާ ފަހުން ކަމަށެވެ.

ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ނަމުގައި މުއިއްޒު ކުރެއްވި ކޮންމެ ކަމަކުން ވަނީ ދައުލަތަށް ގެއްލުންވެފައި ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވަނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ވޯޓުލާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.