އެމްޑީޕީ

މުއިއްޒު ބޭނުންވަނީ ސިޔާސީ ޖަނާޒާއެއް ބާއްވައި ޔާމީނުގެ ވަސްވެސް ފޮހެލަން: މާރިޔާ

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ގެންދަވަނީ ސިޔާސީ ގޮތުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ގޮތުން "ފަސްދާނުލަމުން" ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ މާރިޔާ ވިދާޅުވީ ޑރ. މުއިއްޒު ސިޔާސީ ގޮތުން ރައީސް ޔާމީން ފަސްދާނުލަނީ މުއިއްޒު އަބަދުވެސް ކަންކަން ކުރައްވާ އުސޫލުން ބަޔަކަށް އޮޅުވާލައިގެން ކަމަށެވެ.

މާރިޔާ ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނަކީ ބަސްވިދާޅުވާނެ ބޭފުޅެއް ނޫން ކަމަށާއި ރައީސް ޔާމީން ވިދާޅުވާހާ ގޮތެއް ހަދަން ނުޖެހޭނެ ކަމަށް ވިދާޅުވެ މުއިއްޒު ވާހަކަދެއްކެވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ ރައީސް ޔާމީން ޖަލުން މިނިވަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އެއީ މުއިއްޒު ކުރައްވާނެ ކަމެއް ނޫން ކަމަށް މާރިޔާ މިއަދުވެސް ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ރައީސް ޔާމީން ފަސްދާނު ލައްވާނެ ޑރ. މުއިއްޒު،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތަށް މިހާރުވެސް މުއިއްޒު ގޮންޖައްސަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީނަކީ އިންޑިއާ އާއި ދެކޮޅު ބޭފުޅެއް ކަމަށް ސިފަކުރައްވަމުން މާރިޔާ ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ "އިންޑިއާ ފަސްޓް" ނުވަތަ "އެންމެ ފުރަތަމަ އިންޑިއާ" ޕޮލިސީ ހިފަހައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވާ ކަމަށެވެ.

"މުއިއްޒު ދައްކަވާ ވާހަކަޔާ [އަމަލުތަކާ] އެއްވެސް ގުޅުމެއް ނެތް. އަމަލުތައް ހުންނަނީ ޔޫޓާންއެއް ނަންގަވައިގެން ކަންކަންކުރައްވާ ގޮތަށް،" މާރިޔާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކުރި ދުވަހުން ފެށިގެން ޕީޕީއެމް ޕީއެންސީ އިން ވެސް ގޮވަމުންދަނީ "އިންޑިއާ އަައުޓް" ކަމަށެވެ. އެހެންވެ މުއިއްޒު "އިންޑިއާ ފަސްޓް" ޕޮލިސީ ތަންފީޒު ކުރާނެ ގޮތަކާ މެދު ސުވާލު އުފައްދަވަމުން މާރިޔާ ވިދާޅުވީ މުއިއްޒު މިހާރު ބޭނުންވަނީ ރައީސް ޔާމީނުގެ "ވަސްވެސް މިގައުމުން ފޮހެލަން" ކަމަށެވެ. ރައީސް ޔާމީން ގެންގުޅުއްވާ އިންޑިއާ އައުޓް ޕޮލިސީގައި ކޮޅުފައިން ޖައްސަވާ އިންޑިއާގެ ފޮރިން ޕޮލިސީ އިހްތިޔާރު ކުރެއްވުމަށް ޑރ. މުއިއްޒު ނިންމެވުމަކީ އަޑިނޭނގޭ ގޮތަށް އަމިއްލަފުޅަށް މުއިއްޒު ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމުގެ އިއުތިރާފެއް ކަމުގައިވެސް ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ޑރ. މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރައީސް ޔާމީން ކުރެއްވި ފަދަ ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް މުއިއްޒުވެސް ކުރައްވާނެ ކަމަށެވެ. މާލޭގެ މޭޔަރަކަށް ހުންނެވި މުއިއްޒުގެ ހުދުމުހުތާރު އުސޫލުތައް މާލޭގެ މަގުމަތިން މިހާރުވެސް ފެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއަށް ވެހިކަލް ޕާކް ކުރުމަށް 12 ސްލޮޓް ދޫކޮށްފައި އޮތް އިރު ރާއްޖޭގައި ހުރި އެމްބަސީތަކުގެ ވެހިކަލް ޕާކް ކުރަން ދީފައިވަނީ އެންމެ ދެ ސްލޮޓް ކަމަށެވެ.

"[އެހެންވީމާ މުއިއްޒުއަށް] ވެރިކަން ލިބިއްޖެއްޔާ ކިހާވަރެއް ކޮށްލާނެ. މާލޭގެ މަގުމަތީގައި މިލާފައި ހުރި ކަދުރު ރުއްތަކަކީ އޭނާގެ މިލްކަކަށް ހެދިގޮތަށް ވެރިކަން ކުރާނީވެސް އެގޮތައް،" މުއިއްޒުއަށް ވަރަށް ޒާތީކޮށް ފާޑުކިޔަމުން މާރިޔާ ވިދާޅުވި އެވެ.