އައިޖީއެމްއެޗް

އައިޖީއެމްއެޗްއިން 28 ނަރުހުން ހޯދަނީ

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަަސައްކަތް ކުރާނެ 28 ނަރުހުން ހޯދަން އެ ހޮސްޕިޓަލުން އިއުލާނު ކޮށްފި އެވެ.

އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ހޮސްޕިޓަލަށް ހޯދަނީ ރެޖިސްޓާޑް ނަރުހުންނާއި ކްލިނިކަލް ނަރުހުންނާއި ސީނިއާ ރެޖިސްޓާޑް ނަރުހުން ކަމަށެވެ.

ރަޖިސްޓާޑް ނަރުހެއްގެ މުސާރައަކީ 9060 އާއި 9360 ރުފިޔާގެ ދެމެދުގެ އަދަދެކެވެ. އަދި ސީނިއާ ރެޖިސްޓަޑް ނަރުހެއްގެ މުސާރައަކީ 9670 އާއި 10160 ރުފިޔާގެ ދެމެދުގެ އަދަދެކެވެ. ކްލިނިކަލް ނަރުހަކަށް 10410 ރުފިޔާއާއި 10940 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އެ މަގާމުތަކަށް ހޮވޭ ނަރުހުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި 188 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ ފައިސާ ވެސް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ނަރުހުން ކުރަން ޖެހޭނެ މަސައްކަތަކީ ބަލިމީހުންނަށް ބޭނުންވާ ނާސިން ކެއާ ރާވައި ހިދުމަތް ދީ އިވެލުއޭޓްކުރުމާއި ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާސިން ކެއާގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާ ގުޅިގެން އެ ޕްލޭނާ އެއްގޮތަށް ފަރުވާދިނުން ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އަދި ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި އޭނާއަށް ބޭނުންވާ ހާއްސަ އެހީތެރިކަމަށް އެހެން ސިއްހީ ޕްރޮފެޝަނަލުންގެ ހިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލޭޓްކޮށްދޭން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. ބަލިމީހާގެ ސިއްހީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރަން ވެސް ޖެހެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ ނުވަވަނަ ދުވަހުގެ މެންދުރު 1:00 ކެވެ. މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އައިޖީއެމްއެޗްގެ އީމެއިލް އަށް ލިޔެކިއުންތައް ހުށަހެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ.