މިނިސްޓްރީ އޮފް ހެލްތު

ހަމަސް ވަންދެން ގާތުން ދެނީ 66 އިންސައްތަ މައިން

ތުއްތު ދަރިފުޅަށް ހަމަސް ވަންދެން ހަމައެކަނި ގާތުން ދިނުމަށް އިރުޝާދު ދީފައިވީ ނަމަވެސް ހަމަސް ވަންދެން ހަމައެކަނި ގާތުން ދެނީ 66.7 އިންސައްތަ މައިން ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.

މިކަން ހާމަކޮށްފައިވަނީ ހެލްތު މިނިސްޓްރީން އާންމުކުރި "ކޮމްޕެންޑިއަމް އޮފް ހެލްތު ރީސާޗް އިން މޯލްޑިވްސް 2018 – 2021" ގަ އެވެ.

މި ދިރާސާކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ވެކްސިން ދިނުމަށް ދަމަނަވެށްޓަށް ދިޔަ 354 މައިންނާ ސުވާލުކޮށްގެންނެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ އާންމު އުމުރަކީ 17 އަހަރާއި 43 އަހަރާ ދެމެދު ކަމަށާއި މީގެތެރެއިން 97.5 އިންސައްތަ މީހުން އުޅެނީ ކައިވެނިކޮށްގެން ކަމަށް ދިރާސާގައިވެ އެވެ.

ގާތުން ކިރުދޭންޖެހޭ ރަނގަޅު ގޮތް 96.9 އިންސައްތަ މީހުންނަށް އެނގޭކަން ދިރާސާއިން ވަނީ ހާމަވެފަ އެވެ.

ދިރާސާއިން ހާމަވި އިތުރު ކަންކަން

  • ސެކަންޑްރީ ފެންވަރުގެ ތައުލީމު - 40.4 އިންސައްތަ
  • ވަޒީފާ ނެތް ނުވަތަ ހައުސް ވައިފް - 57.69 އިންސައްތަ
  • އައިޖީއެމްއެޗްގައި ވިހެއީ - 58.8 އިންސައްތަ
  • އާންމު އުސޫލުން ވިހެއީ - 48.9 އިންސައްތަ

ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 50 އިންސައްތަ މީހުންގެ ދޭއް ނުވަތަ ތިން ކުދިން ތިބެ އެވެ.

ތުއްތު ކުދިންނާއި ރަހުމަތްތެރި ގޮތަކަށް ހޮސްޕިޓަލްތައް ބަދަލުކުރުމަށާއި ގާތުން ދިނުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ފެންނަ ކަމަށް މި ދިރާސާގައި ވަނީ ލަފާ ދީފަ އެވެ.

މި ދިރާސާ ކޮށްފައިވަނީ ހަމައެކަނި މާލެގައިކަން ފާހަގަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާލަތު ބެލުމަށް ދިރާސާ ހިންގަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.