އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ތާއީދުކުރައްވަން ނިންމެވީ އައްޑޫ ސިޓީގެ މަސްލަހަތުގައި ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މޭޔަރު ނިޒާރު މިހެން ވިދާޅުވެފައި މިވަނީ އައްޑޫގެ މޭޔަރަކަށް ހުންނަވައިގެން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވަކި ކެންޑިޑޭޓަކު އިހްތިޔާރުކޮށް ކެމްޕޭން ހަރަކާތްތަކުގައި އަމަލީގޮތުން އުޅުއްވާތީ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
މިނިސްޓަރު ފައްޔާޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ނިޒާރު ވިދާޅުވީ އައްޑޫގެ ތަރައްގީގެ މަސައްކަތް އެންމެ ގާތުން ބައްލަވައި، މަޝްވަރާ ދެެއްވަވާ ބޭފުޅަކީ ފައްޔާޒު ކަމަށެވެ.
"[އެހެންވެ މިދަންނަވަނީ] އަޅުގަނޑު އިސްކުރަނީ އައްޑޫގެ މަސްލަހަތު [ކަމަށް]،" ނިޒާރު ވިދާޅުވި އެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް އާއި ފައްޔާޒު ކެމްޕޭން ކުރައްވަނީ ގުޅިގެން އެއް ޓީމެއްގެ ގޮތުގަ އެވެ.
މި ދެ ބޭފުޅުން ވެސް ކެމްޕޭން ކުރައްވަނީ "ހިންގާލަން" ޝިއާރުގެ ދަށުންނެވެ.
ފައްޔާޒާއި ރޮޒައިނާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭނަށް އިޝާރާތް ކުރައްވާ މޭޔަރު ނިޒާރު ވިދާޅުވީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށް ބޭނުންވަނީ "ގަޓް" ހުރި ލީޑަޝިޕެއް ކަމަށެވެ.
"ރޮޒޭ އަދި ފަޔާ އަކީ ހިންގާލާނެ ދެ ބޭފުޅުން." ނިޒާރު ވިދާޅުވި އެވެ.
ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިޒާރު ވަނީ މިނިސްޓަރު ފައްޔާޒާއި ރޮޒައިނާއާ އެކު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން މިދިޔަ މަޖިލީހުގެ ނިޒާރު ހުންނެވީ ހިތަދޫ މެދު ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ. ފައްޔާޒު ހުންނެވީ ގަމު ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ. ރޮޒައިނާ އޭރުވެސް ހުންނެވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ކަމުގަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހްމީ އެވެ. އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ރޮޒައިނާއާ ވާދަކުރައްވަނީ ސަފާތު އަހްމަދު އެވެ. މި ހުރިހާ ބޭފުޅުން ވެސް މިދިޔަ ހުކުރު ދުވަހު އައްޑޫ އަށް ވަޑައިގެންނެވި ގޮތަށް މިވަގުތު ވެސް ކެމްޕޭންގައި ތިއްބެވީ އައްޑޫގަ އެވެ.