ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފަރުވާއަށް ފަހު ރައީސް ސޯލިހް މާލެ ވަޑައިގެންފި

ފަރުވާއަށް ފަހު ރައީސް ސޯލިހް މިރޭ މާލެ ވަޑައިގެންފި އެވެ.

ތައިރޮޑް ފަރުވާ އަށް ރައީސް ސޯލިހް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ މަހު 23 ދުވަހު އެވެ. އަދި އޮޕަރޭޝަން ކުރެއްވީ މިދިޔަ މަހު 25 ވަނަ ދުވަހު އެވެ. އޮޕަރޭޝަން ކުރެއްވީ ހޭނައްތާއިގެން ކަމުން ރައީސްގެ މަސްއޫލިއްޔަތުތައް ނާއިބް ރައީސް ފައިސަލް ނަސީމްއާ ހަވާލު ކުރެއްވެވިއެވެ. އަދި 210 މިނެޓަށް ފަހު އަލުން މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވިއެވެ.

ދެ ތިން ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްވެ ފަރުވާ ހޯއްދެވުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލެވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ދުވަހު ރައީސް ވިދާޅުވީ ހާލު ކޮޅު ރަނގަޅު ކަމަށެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ނުރަސްވީ ދަތުރުފުޅެއްގައި ވެސް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ އެ މަހުގެ 15 ވަނަ ދުވަހު އެވެ.