އަންކޮމްބެބްލް ހެއާ ސިންޑްރޯމް ނުވަތަ ފުނާ ނޭޅޭ ބައްޔެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟
އެމެރިކާގެ ޖޯޖިއާގެ އަންހެނަކަށް ލިބިފައިވާ ދަރިއަކަށް މިފަދަ ބައްޔެއް ވަނީ ޖެހިފަ އެވެ. ކޭޓް ސާމްޕަލްސް ނަމަކަށް ކިޔާ މި އަންހެން މީހާ 'ދަ އިންޑިޕެންޑެންޓް' ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ އޭނާގެ ދަރިފުޅު ލޮކްލަން އުފަންވީއިރު ހުރީ ކަޅު ކުލައިގެ ރީތި އިސްތަށިކޮޅެއް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އިސްތަށިތައް އާދަޔާޚިލާފަށް ދިގުވެ ޕީޗް ކުލައަކަށް ބަދަލުވާން ފެށީ އެވެ.
މިއީ ބައްޔަކުންވާ ކަމެއް ކަމެއް ކޭޓް އަކަށް ކުރިއަކުން ނޭނގެ އެވެ. އޭނާއަށް އެކަން އެނގުނީ މީހަކު އޭނާއަށް އިންސްޓަގްރާމުން ޝެއާ ކުރި މެސެޖެއްގައި މިއީ ބައްޔަކަށް ވެދާނެ ކަމަށް ބުނެފައިވާތީ އެވެ.
މި ބައްޔަށް ސްޕަން ގްލާސް ހެއާ ވެސް ކިޔަ އެވެ. މި ބަލި ޖެހުމުން އިސްތަށިތަކަށް ރަންކުލައެއް އަރައި ދިމާ ސީދަލަށް ހުރެ އިސްތަށިތައް ވަރަށް އަވަހަށް ދިގުވެ އެވެ. މި ޖެނެޓިކް ޑިސްއޯޑާ ދިމާވެފައިވާ މީހުން ދުނިޔޭގައި ވަރަށް މަދު ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށް ކޭޓް ބުންޏެވެ.
ކޭޓް މިހާރު ގެންދަނީ މި ބައްޔަށް މިހުން ހޭލުންތެރިކުރުމަށް ވަރަށް ގިނަ ކަންތައްތައް ކުރަމުންނެވެ.
ކޭޓްގެ އިންސްޓަގްރާމް އެކައުންޓްގައި އޭނާގެ ދަރިފުޅުގެ ގިނަ އަދަދެއްގެ ފޮޓޯ ހިމެނެ އެވެ. މި ފޮޓޯތައް ބަލާފައި ގިނަ ބަޔަކު ބުނަނީ މިގޮތަށް އިސްތަށިގަނޑު ހުރީމަ ވަރަށް ލޯބި ކަމަށެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުން ބުނާ ގޮތުގައި "އަންކޮމްބެބަލް ހެއާ ސިންޑްރޯމް" ޖެހެނީ އިސްތަށިތަކުގެ ޝާފްޓް ފޯމޭޝަންގައި ހުންނަ ތަފާތުތަކަކުން ކަމަށެވެ. މި ބަލީގެ އަސަރު ކުރަނީ ތިން އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
މިބަލި ފަސޭހަ ކުރެވޭނެ ބޭހެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ކުއްޖާ ބާލިޣުވުމަށްފަހު ކޮންމެވެސް ވަރަކަށް މި މައްސަލަ ހައްލުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އިސްތަށިތަކުގައި އެކި އެއްޗެތި އުނގުޅައިގެންނާއި އެކި ކަހަލަ ކަންކަން ކޮށްގެން އިސްތަށިތައް ތިރިކުރަން މަސައްކަތް ނުކުރުމަށް ވެސް ތަޖުރިބާކާރުން ލަފާ ދެއްވަ އެެވެ.
މިދިޔަ އަހަރުވެސް އެމެރިކާގެ ކުޑަ ކުއްޖަކަށް މިފަދަ ކަމެއް ދިމާވި އެވެ. އެ ފަހަރު އެ ކުއްޖާގެ މުޅި ހަށިގަނޑުގައި ކުއްލިއަކަށް ވަރަށް ގިނައިން އިސްތަށިފަޅަން ފެށީ އެވެ. ފަހުން އެނގުނު ގޮތުގައި މިއީ ކުއްޖާއަށް ދިން ބޭހެއްގެ ސައިޑް އިފެކްޓަކުން ދިމާވި ކަމެކެވެ. މި ކުއްޖާ އަކީ ވެސް މަދުން ނޫނީ ނުފެންނަ ޖެނެޓިކް ޑިސްއޯޑާއެއް ހުރި ކުއްޖެކެވެ.