ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އިންސާފުވެރި ހައްލެއް ގެނެސްދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މުއިއްޒު މިކަމަށް ގޮވާލައްވާފައި މިވަނީ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށްޓަކައި ޓެކްސީ ސެންޓަރު ތަކުން އަމިއްލަ ނިންމުންތަކެއް ނިންމާ އާންމުކޮށްފައި ވަނިކޮށެވެ.
މޭޔަރު ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަޑުއަހަން ޖެހޭ ކަމަށެވެ.
ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އިންސާފުވެރި ހައްލެއް ގެނެސްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މޭޔަރު ވަނީ އިލްތިމާސް ވެސް ކުރައްވާފަ އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގެ އާބާދީގެ ގިނަ ބަޔަކު ބޭނުންކުރާ ޓެކްސީ ހިދުމަތަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. ނަމަވެސް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ޓެކްސީ ސެންޓަރުތަކުން ވަނީ ސަރުކާރުން ހުއްދަ ނުދިން ނަމަވެސް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފަ އެވެ. އެގޮތަށް ނިންމީ ތަކެތީގެ އަގުތަކަށާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށާއި ސެންޓަރުތަކަށް ގެއްލުން ވަމުންދާތީ އެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންގެ އިދާރާއިން ވަނީ ދީފަ އެވެ.
މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ.