އެމްޑީޕީ

އިލްޔާސް ބަލިކޮށް ނާއިބު ލީޑަރަކަށް ހުސައިން

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އިންތިހާބު ކޮށްފި އެވެ. މިއަދުގެ އިންތިހާބުގައި ހުސައިންއާ ވާދަކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އެމްޑީޕީ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ހުސައިން ވަނީ 38 ވޯޓް ހޯއްދަވާފައެވެ. ޑެޕިއުޓީ ލީޑަރަކށް އިލްޔާސް ލަބީބު ހުންނެވުމަށް ވޯޓް ދެއްވީ 25 މެންބަރުންނެވެ.

މިއަދުގެ އިންތިހާބުގައި 63 މެންބަރަކު ވަނީ ވޯޓް ދެއްވާފައެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕްގައި 65 މެންބަރުން ހިމެނެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މަގާމުތަކަށް މެންބަރުން ހޮވުމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު އޮތް އިންތިހާބުގައި ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ގެ އިތުރުން އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވާދަކުރެެއްވިއެވެ. ނަމަވެސް އެ ދެ ބޭފުޅުންނަށް ލިބިވަޑައިގެން ވޯޓްގެ އަދަދު އެއްވަރުގެ އަލުން ވޯޓް ނަގަން ޖެހުނީ އެވެ.

އެ ދުވަހުގެ އިންތިހާބުގައި ޕީޖީ ލީޑަރު ކަމަަށް ހޮވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ޕީޖީ ގުރޫޕްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެކަންޏެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ 65 މެންބަރުންގެ ތެރެއިން 63 ވޯޓް އޭނާ އަށް ލިބިވަޑައިގަތެވެ.

މި އިންތިހާބުގައި ޗީފް ވިޕަކަަށް ހޮވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ. އޭނާއަށް 34 ވޯޓް ލިބިވަޑައިގަތެވެ. މުޣުނީއާ ވާދަކުރެއްވި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއަށް ލިބިވަޑައިގަތީ 31 ވޯޓެވެ.

ވިޕުންގެ ގޮތުގައި އިންތިހާބުވެވަޑައިގަތީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިއާދު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު އަލީ ސިރާޖެވެ.