ލ. ގަމު މުކުރިމަގު ސްކޫލުގައި ދެ ކްލާސްރޫމް އެޅުމަށް ޖަޕާނު ސަރުކާރުން 1.2 މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު ޓަކުޗީ މިޑޯރީ އެވެ. މުކުރިމަގު ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް އަބްދުﷲ ޝަރީފް އެވެ.
ޖަޕާނުން އެހީ ދިނީ އެ ގައުމުން ކުރިއަށް ގެންދާ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް -- ޖީޖީޕީގެ ދަށުންނެވެ.
އެހީގެ ދަށުން އެލްކޭޖީއާއި ޔޫކޭޖީގެ ދަރިވަރުން ހާއްސަކޮށްގެން ދެ ކްލާސް ރޫމު އެޅުމަށް ހަމަޖެހިފައިވެ އެވެ.
ޖަޕާން ސަފީރު ވިދާޅުވީ ފެންވަރު ރަނގަޅު ކްލާސްރޫމްތަކެއް އިމާރާތްކޮށް ނިމުމާއެކު ދަރިވަރުން އުނގެނުމަށާއި މުދައްރިސުން ކިޔަވައިދިނުމަށް ހިތްފަސޭހަ މާހައުލެއް ލިބޭނެ ކަމަށެވެ.
ސަފީރު އިތުރަށް ވިދާޅުވީ ގުދުރަތީ ބޮޑެތި ކާރިސާތައް ދިމާވެ މީހުން ބަދަލުކުރަންޖެހޭ ވަގުތު ބޭނުންކުރުމަށް އިވެކުއޭޝަން ޝެލްޓަރެއް ހެދުމަށްވެސް މިއަދު ދިން އެހީގެ ބައެއް ބޭނުންކުރެވިދާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް ވަރަށް ކުރިން ފެށިގެންވެސް ދީލަތި އެހީތަކެއް ފޯރުކޮށްދޭ ގައުމެއް ކަމަށެވެ. އެކަން ފާހަގަކުރައްވާ ޑރ. އަބްދުﷲ ވަނީ ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
ޖަޕާނަކީ ރާއްޖޭގެ ތަރައްގީ އަށް ވަރަށް ގިނަ ދާއިރާތަކަކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ ޒަމާންވީ ރަހްމަތްތެރިއެކެވެ.