ކްރިމިނަލް ކޯޓް

ކޮއްކޮގެ ސުކޫލް ޓެބް ވިއްކާލުމުން ދެ މަހަށް ޖަލަށް

ކޮއްކޮއަށް އެޑިއުކޭޝަން މިނިސްޓްރީއިން ދީފައިވާ ޓެބްލެޓް ވަގަށް ނަގައި ވިއްކައިލި މައްސަލައެއްގައި ދައްތަގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

މިހާދިސާ ހިނގާފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މައްސަލަ ނިންމައި ހުކުމް އިއްވާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. ޓެބްލެޓް ގެއްލެގެން އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އެ ދެބެއިންގެ މަންމަ އެވެ.

ލ. ގަމަށް ނިސްބަތްވާ މި އަންހެން މީހާ އޭނާގެ ކޮއްކޮ ކިޔަވަން ގެންގުޅުނު ޓެބްލެޓް ވަގަށްނެގުމަށްފަހު ވިއްކައިލީ 300ރ. އަށެވެ. އެވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް މި މައްސަލައިގެ ތަހުގީގުން ފެންނަން އޮތެވެ.

މި މައްސަލައިގެ ޝަރީއަތުގައި އޭނާ ވަނީ ދައުވާ އަށް އިއުތުރާފްވެފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެހެން މީހެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުގެ ދަށުން އެ ކުށަށް ކަނޑައެޅޭނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ނަމަވެސް ކުށަށް އިއުތިރާފްވެފައި ވާތީ އާއި ތަހުގީގަށް އެއްބާރުލުހުން ދީފައިވާތީ އޭނާގެ މައްޗަށް އިއްވާފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގައި ޓެބްލެޓް ގަތް މީހާއަށް އެއީ ސުކޫލު ޓެބްލެޓެއްކަން ނޭންގޭ ކަމަށާއި އެއިން ބްލޫޓޫތު ފަދަ އެއްޗެހި ބޭނުން ނުކުރެވޭތީ ޓެބްލެޓް ބޭނުންނުކުރާ ކަމަށް ތަހުގީގު މަރުހަލާގައި ބުނެފައި ވެއެވެ. އެ މީހުންގެ މަންމައަށް އެ ޓެބްލެޓް ގެއްލުނުކަން އެނގި، އެ އަންހެން މީހާ އާއި ސުވާލުކުރުމުން އޭތި ވީ ރައްޓިއްސެއް އަތުގައި ކަމަށް ބުންޏެވެ.

ފަހުން އެ އަންހެން މީހާ ޓެބްލެޓް ބޭނުންވާ ކަމަށް ބުނުމުން އަނބުރާ ޓެބްލެޓް އޭނާ އާއި ހަވާލުކުރި ކަމަށް ގަތް މީހާ ބުންޏެވެ. ޓެބްލެޓް ގަތް 300ރ. އަނބުރާ ނުލިބުނު ނަމަވެސް ބަދަލު ހޯދަން މައްސަލަ ޖައްސަން ބޭނުން ނުވާ ކަމަށް ވެސް ބުންޏެވެ.

އެކުދިންގެ މަންމަ ވެސް ކޯޓުގައި ބުނެފައި ވަނީ އެ ޓެބްލެޓް ލިބުނުއިރު އެޔަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.