ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މއ. ކަނޑޫގެ، އަލީ އަހްމަދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
އަލީ އަހްމަދުގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު އޭނާ މިހާރުވަނީ ބަންދުން ދޫކޮށްލާފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑު އެހުން، ބުރާސްފަތި ދުވަހު ކޯޓުގައި އެބައޮތެވެ.
ދައުލަތުން އަލީ އަހްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުން، އާއްމުތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ މާރާމާރީ ހިންގައި ތަޅާފޮޅައި ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭ ގޮތޮަށް އުޅުން، އަޑުގަދަ ކުރުން އަދި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ހިމެނެއެވެ.
ދެ މަހެއްހާ ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ދޫކޮށްލި، އަލީ އަހްމަދުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ސްކޫލަކަށް ވަދެ، އަޑު ގަދަކޮށް ޓީޗަރުންނަށް ބިރު ދެއްކި ކަމަށް އެ ސްކޫލުގެ މުވައްޒަފުން ބުނެފައިވެ އެވެ. އެހެންނަމަވެސް އެއީ ކޮން ސްކޫލެއް ކަމެއް އެނގިފައެއް ނުވެ އެވެ. މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެޑިޔުކޭޝަން މިނިސްޓްރީންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަލީ އަހްމަދަކީ ކުރިންވެސް ކުށުގެ ރެކޯޑްތައް އޮންނަ މީހެކެވެ. ރިޕޯޓްތަކުން އެނގޭ ގޮތުގައި 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.