މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލަކަށްވަދެ ޓީޗަރަށް ބިރު ދެއްކި މީހާގެ ބަންދު އިތުރުކޮށްފި

ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ކަނޑޫގެ، އަލީ އަހްމަދު އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މީގެ މަސް ދުވަސް ކުރިންނެވެ.

އަލީ އަހްމަދު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ދިން މުއްދަތު ހަމަވުމުން، އަނެއްކާވެސް ކޯޓަށް ގެންދިޔުމުން އިތުރު 10 ދުވަހަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ.

އަލީ އަހްމަދުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ސްކޫލަކަށް ވަދެ، އަޑު ގަދަކޮށް ޓީޗަރުންނަށް ބިރު ދެއްކި ކަމަށް އެ ސްކޫލުގެ މުވައްޒަފުން ބުނެފައިވެ އެވެ. އެހެންނަމަވެސް އެއީ ކޮން ސްކޫލެއް ކަމެއް އެނގިފައެއް ނުވެ އެވެ.

އޭނާ ބަންދުގައި ހުންނަތާ މަހެއްވެ، ދެވަނަ ފަހަރަށް ބަންދު މުއްދަތު އިތުރުކުރި އިރުވެސް މި މައްސަލައިގައި ފުލުހުންވެސް އަދި އެޑިޔުކޭޝަނުންވެސް އަދި ވާހަކަ ދައްކާފައެއް ނުވެ އެވެ.

އަލީ އަހްމަދަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑްތައް އޮންނަ މީހެކެވެ. ބަންދު އަމުރު ރިޕޯޓުގައިވެސް އެކަން ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓްތަކުން އެނގޭ ގޮތުގައި 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އެވެ.