މީގެ ހަ އަހަރު ކުރިން ލ. ގަމުގައި ބިދޭސީއަކު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ގަން ރެޑްފިޝް، އަލީ ހަމްޒާ 10 އަހަރަށް ޖަލަށްލައި، މަރުގެ ދިޔަ ދޭން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ދައުލަތުން ހަމްޒާގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގަނޑުގެ 10:00 ހާއިރު، ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބާންދު ޝަހުމިޔާ އަށް ދިން ހަމަލާއެއްގެ ސަބަބުން އޭނާ މަރުވެފައިވާ ކަމަށެވެ.
އެގޮތުން ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދު ޝަހުމިޔާ ނިދާފައި އޮއްވައި، ދިގުމިނުގައި ތިން ފޫޓު ހުންނަ ލަކުޑި ފަތިބުރިއަކުން އޭނާގެ މޫނުގައި ހަމްޒާ ޖެހުމުގެ ސަބަބުން އޭނާ މަރުވެފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެންމެ ފުރަތަމަ ތަހުގީގު މަރުހަލާގައި ހަމްޒާ ކުށަށް އިއުތިރާފްވި އެވެ. އެކަމަކު ފަހުން އޭނާ ވަނީ ކޯޓު މަރުހަލާގައި ކުށަށް އިންކާރުކޮށްފަ އެވެ.
މި މައްސަލައިގައި ހަމްޒާގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ކުރިން ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު އޭނާއާ ބާންދު ޝަހުމިޔާއާ މެދު ދެކޮޅުވެރިކަމެއް އޮތްކަން ހަމްޒާ ކުރިންވި އިއުތިރާފުން އެނގެން ނެތުމުން "ގަސްދު މަރު" ގެ ކުށް ސާބިތެއް ނުވެ އެވެ. ގަސްދުގައި މީހަކު މެރިކަމުގެ ރުކުންތައް ހަމްޒާ ކުރި ކުށުގެ އަމަލުން ސާބިތު ނުވާ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ. އެކަމަކު އޭނާ މަރުވެފައި ވަނީ ހަމްޒާ ކުރި އަމަލެއްގެ ސަބަބުންކަން ސާބިތުވެފައިވާތީ މިއީ ސިބްހުލް އަމްދުގެ މަރެއް ކަމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބާންދު ޝަހުމިޔާގެ ވާރިސުންގެ ބަސް ނެގިއިރު، ހުރިހާ ވާރިސުން ވެސް ބުނެފައި ވަނީ މަރުގެ ދިޔަ ބޭނުންވާ ކަމަށެވެ.
ވާރިސުންގެ ބަސް ނަގަމުން ދިޔައިރު ހަމްޒާ ވާހަކަދައްކައި ހަޑި ހުތުރު ބަސް ބޭނުންކުރުމުން، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާގެ މައްޗަށ 15 ދުވަހުގެ ޖަލު ހުކުމެއް ވެސް ގާޒީ ވަނީ އިއްވަވާފަ އެވެ.
ހަމްޒާގެ މައްޗަށް އިއްވާފައިވަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު ތިން އަހަރުތެރޭ 1.3 މިލިއަން ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށެވެ. މިހާތަނަށް ޖަލުގައި ހުރި މުއްދަތު ކެނޑުމަށްފަހު ދެން އޭނާ ތަންފީޒުކުރަން ޖެހޭނީ ހަތަރު އަހަރާއި ނުވަމަހާ 25 ދުވަހެވެ.