ކްރިމިނަލް ކޯޓް

ވާރިސުންގެ ބަސް ނަގަނިކޮށް ހުތުރު ބަހެއް ބުނުމުން 15 ދުވަހަށް ޖަލަށް

މީގެ ހަ އަހަރު ކުރިން ބިދޭސީއަކު މަރާލި މައްސަލައެއްގައި ވާރިސުންގެ ބަސް ނަގަމުން ދަނިކޮށް ކޯޓުގެ ހުރުމަތްކެނޑޭ ފަދަ ބަހެއް ބުނުމުން ލ. ގަން ރެޑްފިޝް، އަލީ ހަމްޒާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބާންދު ޝަހުމިޔާގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ވާރިސުންގެ ބަސް ނެގުމުގެ ބަޔެވެ.

މި މައްސަލައިގައި ދައުލަތުން ހަމްޒާގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގަނޑުގެ 10:00 ހާއިރު، ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބާންދު ޝަހުމިޔާ އަށް ދިން ހަމަލާއެއްގެ ސަބަބުން އޭނާ މަރުވެފައިވާ ކަމަށެވެ. އެގޮތުން ލ. ގަން ރަންދާނުގެ ފެންޑާގައި ޝަހުމިޔާ ނިދާފައި އޮއްވައި، ދިގުމިނުގައި ތިން ފޫޓު ހުންނަ ލަކުޑި ފަތިބުރިއަކުން އޭނާގެ މޫނުގައި ހަމްޒާ ޖެހުމުގެ ސަބަބުން އޭނާ މަރުވެފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ތަހުގީގު މަރުހަލާގައި ހަމްޒާ ކުށަށް އިއުތިރާފްވި އެވެ. އެކަމަކު ފަހުން އޭނާ ވަނީ ކޯޓު މަރުހަލާގައި ކުށަށް އިންކާރުކޮށްފަ އެވެ.

މި މައްސަލައިގެ އެންމެ ފަހު މަރުހަލާ ކުރިއަށްދާއިރު ބާންދު ޝަހުމިޔާގެ ފިރިހެން ދަރިފުޅުގެ ބަސް ނަގާ ނިމުނުތަނާހެން ހަމްޒާ ވަނީ ވާހަކަ ދައްކާފަ އެވެ. ވާހަކަ ދެއްކުމުގެ ތެރެއިން އޭނާ ވަނީ ހުތުރު ބަހެއް ބޭނުންކޮށްފަ އެވެ.

އެހެންކަމުން ޝަރީއަތުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ގާޒީ އަލީ އާދަމް ވަނީ އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރައްވާފަ އެވެ. ހުކުމަށްފަހު ވެސް އޭނާއާ މެދު ޝަރީއަތުންނާއި ކަރެކްޝަނަލް ސާވިސަސް އިން ބޭއިންސާފުން އަމަލުކުރަމުންދާ ކަމަށް ބުނެ އޭނާ ވަނީ ވާހަކަދައްކާފަ އެވެ. އެކަމަކު ދިފާއީ ވަކީލް އެދުމުން އޭނާ ފަހުން ވަނީ ވާހަކަ ދެއްކުން ހުއްޓައިލާފަ އެވެ.

ބާންދު ޝަހުމިޔާގެ ވާރިސުން މިއަދު ބުނެފައި ވަނީ މަރުގެ ދިޔަ ބޭނުންވާ ކަމަށެވެ.

މި މައްސަލައިގައި ހަމްޒާގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ކުރިން ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު އޭނާއާ ބާންދު ޝަހުމިޔާއާ މެދު ދެކޮޅުވެރިކަމެއް އޮތްކަން ހަމްޒާ ކުރިންވި އިއުތިރާފުން އެނގެން ނެތުމުން "ގަސްދު މަރުގެ" ކުށް ސާބިތެއް ނުވެ އެވެ. އެކަމަކު އޭނާ މަރުވެފައި ވަނީ ހަމްޒާ ކުރި އަމަލެއްގެ ސަބަބުންކަން ސާބިތުވެފައިވާތީ މިއީ ސިބްހުލް އަމްދުގެ މަރެއް ކަމަށް ގާޒީ ވަނީ ކުރިން ނިންމަވާފަ އެވެ.