މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި މަރާލި އެރަށު ނޫވިލު، އަލީ ޒިޔަދަމްގެ ވާރިސުންގެ ބަސް ނެގުމަށް ކްރިމިނަލް ކޯޓުން ތައްޔާރުވާން ފަށައިފި އެވެ.
ޒިޔަދަމް މަރާލި މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަނޑައަޅާފައިވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން އާއި އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.
ޝަނޫންގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ސިފާމްގެ މައްޗަށް ސާބިތުވީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށެެވެ.
ޒިޔަދަމްގެ ގާތިލުންނަށް ހުކުމް އިއްވޭނީ ވާރިސުންގެ ހެކި ބަސް ނަގައިގެން ކަމަށްވާތީ ކޯޓުން ވަނީ ވާރިސުން ދެނެގަނެފަ އެވެ. ކޯޓުން ހޯދި މައުލޫމާތަށް ބަލާއިރު ޒިޔަދަމްގެ އެއްބަފާ ދެ މީހުންނާއި އެއްބަނޑު އެއްބަފާ ހަ މީހުންނާއި ޒިޔަދަމްގެ 18 އަހަރު ނުވާ ކުޑަ ކުއްޖަކު އެބަހުއްޓެވެ.
ޒިޔަދަމްގެ މަރުގެ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ އިދާރީ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު އަންނަ ހަފްތާގެ ތެރޭގައި ވާރިސުންގެ ހެކިބަސް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވާރިސުންގެ ހެކި ބަހަށްފަހު ދައުވާ ލިބޭ މީހުންނަށް ދިފާއުގައި އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ކޯޓުން ފުރުސަތު ދޭނެ އެވެ. ކުށް ސާބިތުވެފައިވާ ދެ މީހުންނަށް ވަކި އަދަބެއް ކަނޑައަޅައި ކޯޓުން ހުކުމް ކުރާނީ އޭގެ ފަހުންނެވެ. ޒިޔަދަމްގެ އެއްވެސް ވާރިސަކު މަރުގެ އަދަބު ދިނުމަށް އިންކާރުކޮށްފިނަމަ މަރަށް މަރު ހިފުމުގެ ހުކުމުން ސަލާމަތް ވާނެ އެވެ.
ޒިޔަދަމްގެ ހަތް ތަނަކަށް ވަޅިން ހަމަލާދީފައިވާކަން ހެކިންގެ ހެކިބަހުން އެނގެ އެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނު ދިރިއުޅުނު ގޭގެ ބަދިގޭގައި އޮއްވަ އެެވެ.
ޝަރީއަތުގައި ދައުލަތުން ބުނި ގޮތުގައި މާޗް 20، 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީހިޔާ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ޝަނޫން އާއި ސިފާމް ވަނީ އެތަނަށް ގޮސް ތޫނު އެއްޗަކުން ޒިޔަދަމްއަށް ހަމަލާދީފަ އެވެ.
އެ ދެ މީހުން އެތަނަށް ގޮސް ޒިޔަދަމަށް ހަމަލާދޭން ފެށުމުން ސަލާމަތްވާން ވަގުތީހިޔާ ތެރެއަށް ޒިޔަދަމް ވަނުމުން އޭނާ ފަހަތުން އެ ދެ މީހުން ގޮސް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.