ޔޫރަޕަށް ގުދުރަތީ ގޭސް ސަޕްލައި ކުރަން، ރަޝިއާއިން ޖަރުމަނަށް އަޅާފައި އޮތް ދެހޮޅި، ނޯޑް ސްޓްރީމް 2، ބޭނުން ކުރަން ފެށުމުގެ ކުރިން ޖަރުމަނުން ވަނީ ހުއްޓުވާފަ އެވެ.
ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ އުދުވާނީ ހަމަލާތަކަށް ދެކޮޅު ހެދުމަށް ޖަރުމަނުން ވަނީ ނޯޑް ސްޓްރީމް 2 އަށް ހުއްދަ ނުދޭ ގޮތަށް ނިންމާފަ އެވެ.
ޔޫރަޕަށް ބޭނުންވާ ގޭހުގެ 40 ޕަސެންޓް މިހާރު ވެސް ފޯރުކޮށް ދެނީ ރަޝިއާއިންނެވެ. އެހެން ނަމަވެސް ޔޫރަޕްގެ ވިސްނުމަކީ ރަޝިއާ ދޫކޮށްލައި ކޮންމެވެސް އެހެން ދިމާއަކުން ގޭސް ހޯދުމެވެ.
ރަޝިއާ ބުނާ ގޮތުން ނޯޑް ސްޓްރީމް 2 އަށް ޖަރުމަނުން ހުއްދަ ނުދޭން ނިންމީ ވިސްނުމުގައި ރަޝިއާއަށް ދަތި ކުރަން އޮތުމުން ކަމަށެވެ. އެހެންކަމުން ނޯޑް ސްޓްރީމް އެކެއް ބަންދުކޮށް ޔޫރަޕަށް ބޭނުންވާ ގޭސް ރަޝިއާއިން ސަޕްލައި ނުކުރާ ގޮތަށް ނިންމުމުގެ އިޚުތިޔާރު ރަޝިއާއަށް އޮތް ކަމަށެވެ.
ޔޫރަޕްގެ ސިޔާސީ ލީޑަރުން އަދި ޖަރުމަންގެ ސިޔާސީ ލީޑަރުން ވެސް ނޯޑް ސްޓްރީމް އެކެއް ބަންދު ކުރަން ރަޝިއާގެ ކިބައިން އެދޭ ކަމަށް ރަޝިއާ ބުނެ އެވެ. އެކަމަކު އެފަދަ ފިޔަވަޅެއް އަދި ނާޅާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވި ގޮތުން ރަޝިއާ ދޫކޮށް އެހެން ގައުމަކުން ތެޔޮ ހޯދުމަކީ ހަމަ ހިތަށް އަރާއިރަށް ކުރެވޭ ޒާތުގެ ކަމެއް ނޫނެވެ. އެކަމަށް ވަރަށް ގިނަ ވަގުތު ނަގާނެ ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.
އެމެރިކާ އާއި ޔޫރަޕްގެ ވިސްނުން އޮތީ ރަޝިއާ ދޫކޮށް އެހެން ދިމާއަކުން ތެލާއި ކައްކާ ގޭސް ހޯދާ ގޮތަށެވެ. އޮފިޝަލުން އެކި ގައުމުތަކަށް ދަތުރުކޮށް ރަނގަޅު ގޮތެއް ފެނޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.