އާރުއޯއެލް

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އާރްއޯއެލްގެ ހިދުމަތް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިމާރާތްތަކަށް އާރްއޯއެލްގެ އެއްމެހާ ހިދުމަތް ދިނުމަށް އާރްއޯއެލްއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އާރްއޯއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަބްދުލް މުއީދެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ ސުހެއިލް އަހުމަދެވެ.

އާރްއޯއެލްއިމް ހިދުމަތް ދޭނީ އެޗްޑީސީން ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެންނެވެ. އެ ނެޓްވޯކް ތެރެއިން ޓީވީ އާއި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ވަގުތު ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އަދި އޭގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އިންޓަނެޓް އަދި ޓީވީ ފަދަ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށްވެސް އެއް ވިއުގައެއް ބޭނުންކޮށްގެން ހިދުމަތް ދެވޭގޮތަށް އެޗްޑީސީއިން ފަރުމާކޮށްފައިވާ އެ އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހިދުމަތް ދޭން އުރީދޫ، ދިރާގު އަދި މީޑިއާނެޓުން މިހާރު ވަނީ ފަށާފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި 1000 އަށް ވުރެ ގިނަ އާއިލާ މިހާރުވެސް ދިރިއުޅެމުންދާއިރު ކޭބަލް ޓީވީގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތް އަދިވެސް ބައެއް ފްލެޓްތަކަށް ނުލިބޭ ކަމަށް އެ ތަންތަނުގައި ދިރިއުޅޭ ބައެއް އާއިލާތަކުން ބުނެ އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.