އެޗްޑީސީ

ހިޔާ ޓަވަރުތައް ބެލެހެއްޓުމަށް 136 މުވައްޒަފުން ހޯދަނީ

Mar 5, 2023

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށާއި އެ ސަރަހައްދު ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ބޭނުންވާ 136 މުވައްޒަފުން ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީ އިން މިއަދު ބުނީ ހިޔާ ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސެކިއުރިޓީ އެސިސްޓަންޓުން އަދި ސަޕޯޓް ސްޓާފުން ނެގުމަށް އެ ކުންފުނިން ނިންމާފައިވާތީ މިމަހުގެ 10 ވާ ހުކުރު ދުވަހު ބާއްވާ އޯޕަންޑޭގައި ވަޒީފާތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އޯޕަންޑޭ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުކުރު ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

އޯޕަން ޑޭ އަދި މަގާމުތަކަށް މީހުން ނެގުމަށް ކުރިއަށް ގެންދާ އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކާމިލް ދީދީ ސްކޫލުގަ އެވެ.

އެޗްޑީސީ އިން ހުޅުވާލާ ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި 48 ސަޕޯޓް ސްޓާފުންގެ ވަޒީފާ އެވެ.

މި ދެ މަގާމަށް ވެސް މުސާރާއިގެ ގޮތުގައި މަހަކު 10،500 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ. އެއީ މަހެއްގެ މައްޗަށް 1.4 މިލިއަން ރުފިޔާ އެވެ.

އޯޕަން ޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުސަތައް އެދި ހުށަހަޅަން ބޭނުންވާ ކޮންމެ މީހަކުވެސް އައިޑީ ކާޑުގެ ކޮޕީ، ތައުލީމީ ސެޓިފިކެޓް އަދި ސީވީ ހިފައިގެން އިންޓަވިއުއަށް ހާޒިރުވުމަށްވެސް އެޗްޑީސީ އިން އެދިފައިވެ އެވެ.

"މި ކޯޕަރޭޝަނުގެ އަމާޒަކީ ހިޔާ ސަރަހައްދަކީ ހިތް ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށް އަދި މި މަސައްކަތުގައި ހިޔާ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ބައިވެރިވުމާއި ހިޔާލު ހިމެނުމެވެ،" އެޗްޑީސީ އިން ބުނެފައިވެ އެވެ.

ހިޔާ ޓަވަރުތަކުގެ ސަލާމަތީ ކަންކަމާއި ސާފުތާހިރުކަން މިވަގުތު ބަލަހައްޓަނީ އެޗްޑީސީ އިން އެ މަަސައްކަތް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުންޏެކެވެ.