ހިޔާ ފްލެޓްތަކުގެ ފުރަތަމަ މަހުގެ ކުލި މިމަހުގެ ނިޔަލަށް ޖޫރިމަނާއަކާ ނުލައި ބަލައިގަތުމަށް ނިންމައިފި އެވެ.
ފްލެޓްތަކުގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެން ފެށި ނަމަވެސް ކުލި ނަގަން ފެށީ މިމަހުން ފެށިގެންނެވެ. ކުލި ނެގުން ފަސްކުރީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ނިންމަން ވަގުތު ދިނުމަށާއި އެ މުއްދަތުގެ ތެރޭގައި ކުލި ނަގައިފިނަމަ ލިބޭ މާލީ ގެއްލުންތަކަށް ލުއެއް ދިނުމުގެ ގޮތުންނެވެ.
އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ އެއްބަސްވުުމުގެ ހަވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކުލި މި ހިނގާ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ޖޫރިމަނައަކާއި ނުލާ ބަލައިގަންނާނެ ކަމަށެވެ.
މިގޮތަށް ނިންމުމުގެ އެންމެ ބޮޑު މަގުސަދަކީ ކުލި ދެއްކުމަށް ހަމަޖެހިފައިވާ އުސޫލުތަކަށް ހިޔާގައި ދިރިއުޅެމުންގެންދާ މީހުން ހޭލުންތެރިކުރުވުން ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
ކުލި ދެއްކުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެޗްޑީސީގެ ޕޭމަންޓް ޕޯޓަލް އަދި އެ ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ފައިސާ ބަލައިގަތުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ. ކުންފުނިން ދީފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކައިފިނަމަ އެއްވެސް އިތުރު ޖޫރިމަނާއެއް ނާރާނެ ކަމަށް އެޗްޑީސީން ޔަގީންކޮށްދެ އެވެ.
ހިޔާ ފްލެޓަށް ކުލި ދެއްކުމުގައި އޭޕްރީލް މަހު ލުއި ދިން ނަމަވެސް ކުރިއަށް އޮތް މެއި މަހުން ފެށިގެން ޖޫރިމަނާއަކާއި ނުލައި ކުލި ބަލައިގަނެވޭނީ ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދެއްކުމުން ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
ކުލި ދެއްކުމުގެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްދިނުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްޑީސީން ވަނީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ހެލްޕް ޑެސްކެއް ބަހައްޓާފަ އެވެ. އަދި މިރޭ 9:00 އިން 11:00 އަށް ހެލްޕް ޑެސްކުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
ހިޔާ ފްލެޓްތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހެނީ މަހަކު 7،500 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ އެވެ.