އެޗްޑީސީ

ސަބްމެރިން ކޭބަލް ގުޅާލުމަށް ހުޅުމާލެއިން ބިން ހަމަޖައްސައިފި

ދިވެހި ސަރުކާރުން އަޅަން އިއުލާންކޮށްފައިވާ ފުރަތަމަ ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަނޑައެޅުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އާއެކު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ސަބްމެރިން ކޭބަލް ގުޅާލުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ހަމަޖެހިގެންދާނެ އެވެ.

އެއްބަސްވުމުގައި އޯސީއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ޝިހާބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.

ދިވެހި ސަރުކާރުން އަޅަން އިއުލާނުކުރި ފުރަތަމަ ސަބްމެރިން ކޭބަލް އަޅަނީ އިންޑިއާގެ މަޝްހޫރު ކުންފުނި ރިލަޔަންސް ޖިއޯ ކުންފުންޏާއި ގުޅިގެންނެވެ. އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އޯޝަން ކަނެކްޓް މޯލްޑިވްސް އެވެ.

ދެކުނު އޭޝިޔާއިން ފެށިގެން އިންޑިޔާ އާއި މެދުއިރުމަތި އަދި ހުޅަނގު ޔޫރަފާ ގުޅާލެވޭ މި ހައިސްފީޑް ސަބްމެރީން ކޭބަލް ސިސްޓަމް އާ ރާއްޖެ ހިމެނޭ ގޮތަށް 11 ގައުމެއް ގުޅާލުމަށް ވަނީ ހަމަޖެހިފަ އެވެ. ސިންގަޕޫރުން ފެށިގެން ފްރާންސް އާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ނިމޭނެ އެވެ.

ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރީން ކޭބަލް އަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީބީޕީއެސް ގެ ސްޕީޑް ޓްރާންސްމިޓް ކުރާނެ ސަބްމެރީން ކޭބަލް ސިސްޓަމެކެވެ.