ރޯދަ މަހާ ދިމާކޮށް ހުޅުމާލެ ސާފު ކުރުމަށް އެޗްޑީސީން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ރޯދަ ސާފު" ޕްރޮގުރާމު މިއަހަރުވެސް ފަށައިފި އެވެ.
ރޯދަ ސާފު ޕްރޮގުރާމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށާއި، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދިނުމަށް ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތެކެވެ.
ރޯދަ ސާފު ކުރުމުގެ ހަރަކާތް މިއަދު ފެށީ ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދުންނެވެ.
މިހަރަކާތުގެ ދަށުން އަންނަ ރޯދަ މަސް ފެށެންދެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ އިވެންޓުގައިވެސް ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި، އެޗްޑީސީގެ މުވައްޒަފުން އަދި ހުޅުމާލޭގެ ރައްޔިތުން ބައިވެރިވެ އެވެ.
މި އިވެންޓުގެ އަމާޒަކީ ހުޅުމާލޭގެ ރީތިކަން ދެމެހެއްޓުމާއި ރޯދަ މަސް ފެށުމުގެ ކުރިން އެންމެން ގުޅިގެން ރަށުތެރެ ސާފު ކުރުމެވެ.
ހުޅުމާލެ އަކީ އެ ތަނުގައި ދިރިއުޅޭ މީހުންނާއި އެތަނަށް ޒިޔާރާތްކުރާ މީހުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.