ރައީސް މުހައްމަދު ނަޝީދު

އަންހެނުންނަށް ކަނބަލުން ކިޔައި ވާހަކަދެއްކުން ހުތުރު: ނަޝީދު

އަންހެނުންނަށް ކަނބަލުންނޭ ކިޔައި ވާހަކަ ދެއްކުމަކީ ހުތުރުކަމެއް ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އަންހެނުންނަށް އެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ މިއަދު މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ދެއްކެވި ވާހަކަ ފުޅުގަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އަންހެން ބޭފުޅުންނަށް ކަނބަލުންނަށް އިޝާރާތްކޮށް "ކަނބަލުން" ނޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ވަރަށް ހުތުރު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކަނބަލުންގެ ބަދަލުގައި އަޅުގަނޑުމެން އަންހެނުންނަށް އަމާޒުކޮށް ބުނާ ބަސްތައް ބުނުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

"އަންހެނުން އަންހެން ބޭފުޅުން، މިއީ އަޅުގަނޑުމެން އާންމުކޮށް ބޭނުންކުރާ ބަސްތައް އަދިވެސް ބޭނުން ކުރުން ދިއުމަކީ އަޅުގަނޑު ހިތުން މިއަދު އަޅުގަނޑު ފާހަގަކޮށްލަން ރަނގަޅު ނުކުތާއެއް" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައި އިރު ރަށްރަށުގެ ހިންގުމުގައި އަންހެނުންގެ ބައިވެރިކުރުން ވަރަށް ބޮޑަށް އިތުރުކުރެވިފައިވާ ކަމަށެވެ. އެ ބަދަލާއެކު ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ވެސް އަންހެނުންވެސް އިތުރުވާތަން ދެކެން ބޭނުންވެ ލައްވާ ކަމަށެވެ.

އަންހެނުންގެ ދުވަހާ ދިމާކޮށް މަލާއި ޗޮކްލެޓް، ކޭކް ފަދަ ތަކެތި އަންހެނުންނަށް ނުދޭން ޖެންޑާ މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އެ އެންގުމަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެން މަސައްކަތް ކުރަންވީ މާނަވީ ގޮތެއްގައި އަންހެނުންނާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށް ނިޔަތް އެ މަގަށް އަޅުގަނޑުމެން މަސައްކަތް ގެންދަން ޖެހޭ ކަމަށެވެ.