އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތަށް ހުރަސް އަޅައި އަންހެނުންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.
މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ ތިން ބައި ކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ވެގެން ދިއުމުން އުފާ ކުރައްވާ ކަމަށެވެ. އަދި އެކަން ވެގެން ދިޔައީ މަޖިލިސް ތަމްސީލްކުރާ ހުރިހާ ޕާޓީއެއްގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދުގެ ކަންބޮޑުވުމަކަށް ހެއްދެވީ އެފަދަ ނިންމުންތަކަށް ހުރަސް އަޅައި އެކަން ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން ދިއުމެވެ. އެ ތުހުމަތު އެމަނިކުފާނު އެޅުއްވީ ދީނީ އިލްމުވެރިންގެ އިސްތަށިފުޅުގަ އެވެ.
އެކަން އެހެން އޮތަސް ފަސް ޖެހުމެއް ނެތި އަންހެނުންގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަަމަށް ރައިސް ނަޝީދު މިއަދު ވިދާޅުވި އެވެ.
"މާގިނައިން އަޑުއިވެމުން ދަނީ އަންހެނުންގެ ބާރުވެރިކަން ބައިވެރިވުން ކުޑަ ކުރުމަށް ވަކާލާތުކުރާ އެހެން ފަލްސަފާއެއްގެ އަޑު. އެންމެ ބޮޑު ބިރުވެރިކަމަކީ ހިތާމައަކީ އެ އަޑު އެއީ ދީނުގެ ނަމުގައި ދައްކާ ވާހަކައެއްގެ ގޮތުގައި. އަދި އެ އަޑު ފަތުރާ މީހުންނަކީ އިލްމުވެރިން." ރައީސް ނަޝީދު ވިދާޅުވި އެވެ.