ހަބަރު

ވަހީދާގެ ޓެކްސީއަށްދޭ ގެއްލުމަކީ، މަސައްކަތްކުރާ ހުރިހާ އަންހެނުންނަށްދޭ ހަމަލާއެއް

މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާގެ ކާރަށް ތަކުރާރުކޮށް ގެއްލުންދިނުމަކީ، ރާއްޖޭގައި ވަޒީފާއެއް އަދާކޮށްގެން އާމްދަނީ ހޯދާ ހުރިހާ އަންހެނުންނަށްދޭ ހަމަލާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސިފަ ކުރައްވައިފި އެވެ.

ވަހީދާގެ ކާރަށް އެކި ފަހަރު މަތިން ގެއްލުން ދެމުންދާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލަ ވަނީ ބަލައިގެންފައި އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، އާމިނަތު ވަހީދާގެ ކާރަށް ފަސް މަހަރެއްގެ މަތިން ގެއްލުންދީ އޭނާއަށް ބޮޑެތި ގެއްލުންތައް ލިބި، އާމްދަނީއަށް ހުރަސްއެޅިފައިވާ ކަމަށެވެ.

އަދި އަންހެނުން ކުރާ މި ފަދަ މަސައްކަތްތައް ހުރަސްއަޅާ ބަޔަކު ހޯދައި، އެ ބަޔަކަށް ހައްގު އަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެ މައްސަލާގައި ވަނީ ގޮވާލައިފަ އެވެ.

އާޒިމް ހުށަހެޅުއްވި މައްސަލަ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުން އިއްތިފާގުން ވަނީ ބަލައިގެންފަ އެވެ.

އެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އައިމިނަތު ވަހީދާގެ ކާރަށް އެތަކެއް ފަހަރު މަތިން ގެއްލުންދީފައިވާއިރު، އެކަން ހުއްޓުވަން ފުލުހުން ނުކުޅެދިފައިވާ ކަމަށެވެ.

އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުން ދިނުމަކީ ހާއްސަ ނަޒަރަކުން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

"މިއީ ޒާތީ ކަމެއްތޯ ނޫނީ މިއީ ހޭޓް ކްރައިމެއްތޯ ބަލާ ހިސާބަށް މިހާރު މިވަނީ ގޮސްފައި. މިއީ ބަޔަސް ކްރައިމެއްތޯ؟" އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާ އީވާ އިތުރަށް ވިދާޅުވީ ވަކި ޖިންސަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވީތީ ހަމަލާދިނުމަކީ ހޭޓް ކްރައިމެއް ކަމަށެވެ. އެހެންކަމުން ވަހީދާއަށް ގެއްލުންދެނީ އޭނާ އަންހެނަކަށްވެ ހުރެ، ޓެކްސީ ކުރާތީތޯ ބަލަންޖެހޭކަމަށް އީވާ ތަކުރާރުކޮށް ގޮވާލެއްވި އެވެ.

"އަޅުގަނޑު ގަބޫލެއްނުކުރަން މިއީ އައިމިނަތު ވަހީދާ ފަހަތަށްޖައްސަން ކުރާ ކަމެއް ކަމަށް. އެކަމަކު އަޅުގަނޑަށް ފެންނަނީ އައިމިނަތު ވަހީދާ ފަހަތަށް ޖެއްސުމުގައި، ރާއްޖޭގައި ވަޒީފާ އަދާކުރަން ނުކުންނަ ހުރިހާ އަންހެނުން ފަސްޖައްސަންދޭ ހަމަލާއެއް،" އީވާ ވިދާޅުވި އެވެ.

އީވާގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި މައްސަލާއާ ގުޅިގެން އުފެދިފައިވާ ފުޅާ ސުވާލަކީ މިއީ ހަރުކަށި ފިކުރުގެ ވިސްނުމުގެ ތެރެއިން ހުރިހާ އަންހެނުންނަށްދޭ ހަމަލާއެއްތޯ އެވެ.

"ހަރުކަށި ފިކުރުގެ މީހުން އެބަ ބޭނުންވާ ބޭނުމެއް އަންހެނުން ގޭގައި ބައިތިއްބާ، ހަމައެކަނި ޖިންސީ އެދުން ފުއްދާ، ކިރު މައިންގެ ގޮތުގައި އާއި، ދަރިން ބަލައި، ގޭގައި ނޯކިރީ ކުރާ ބައެެއްގެ ގޮތުގައި ބޭތިއްބުމަށް. މި ފިކުރުގެ ބައްޓަމަށް ދިވެހި މުޖުތަމައު އެނބުރުމަށް ބަޔަކު ބިރުދައްކައިގެން، ބާރުގެ ބޭނުންކޮށްގެން އިންތިޒާމު ވެގެން ހިނގަމުން އަންނަ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.

އަދި އެ މައްސަލަ ނުބެލި، ވަހީދާއަށް އިންސާފު ހޯދައިނުދެވެނީ، އެ އިންތިޒާމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބައިވެރިވާތީތޯވެސް ނަޝީދު ވަނީ ސުވާލު ކުރައްވައިފަ އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އަންހެނުންނަށް ޖިންސީ ގޯނާކުރުމާއި ހަމަލާދިނުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، އެކަން ހުއްޓުވަން ތަންފީޒީ އިދާރާތައް ނުކުޅެދިފައިވާ ކަމަށެވެ.

އަންހެނުންނަށް އަނިޔާކުރުމަކީ މައްސަލައެއްކަމަށް ނުދެކޭ މީހުން، ތަހުގީގީ އިދާރާތަކުގައި ތިބޭނަމަ، އަންހެނުންނަށް ކުރާ އެކި އަނިޔާތައް ނުހުއްޓުވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވި ގޮތުގައި، ވަޒީފާގެ މައިދާނަށް ނުކުންނަ އަންހެނުންނަށް ތަފާތު ގޮންޖެހުންތައް އަދިވެސް ކުރިމަތިވަމުންދާ ކަމަށާއި، އެކަން ހުއްޓުވަން ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ.

ވަހީދާގެ ޓެކްސީއަށް ގެއްލުން ދިނުމަކީ އަންހެނަކަށްވީތީ ދޭ ހަމަލާއެއްގެ ގޮތުގައި މިއަދުގެ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ ސިފަކުރައްވައި، އެކަމާ ކަންބޮޑުވުންފާޅުކޮށްފަ އެވެ.