ހަބަރު

އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ގެއްލުންދޭތީ ކުއްލި މައްސަލައެއް

Nov 2, 2020
1

މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާގެ ކާރަށް އެކި ފަހަރު މަތިން ގެއްލުން ދެމުންދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، އާމިނަތު ވަހީދާގެ ކާރަށް ފަސް މަހަރެއްގެ މަތިން ގެއްލުންދީ އޭނާއަށް ބޮޑެތި ގެއްލުންތައް ލިބި، އާމްދަނީއަށް ހުރަސްއެޅިފައިވާ ކަމަށެވެ.

އަދި އަންހެނުން ކުރާ މި ފަދަ މަސައްކަތްތައް ހުރަސްއަޅާ ބަޔަކު ހޯދައި، އެ ބަޔަކަށް ހައްގު އަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެ މައްސަލާގައި ވަނީ ގޮވާލައިފަ އެވެ.

އާޒިމް ހުށަހެޅުއްވި މައްސަލަ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުން އިއްތިފާގުން ވަނީ ބަލައިގެންފަ އެވެ.

އެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އައިމިނަތު ވަހީދާގެ ކާރަށް އެތަކެއް ފަހަރު މަތިން ގެއްލުންދީފައިވާއިރު، އެކަން ހުއްޓުވަން ފުލުހުން ނުކުޅެދިފައިވާ ކަމަށެވެ.

އައިމިނަތު ވަހީދާގެ ޓެކްސީއަށް އެންމެ ފަހުން ގެއްލުން ދީފައިވަނީ، މިދިއަ ހަފްތާގައި ޑްރަގްކޯޓު ކުރިމަތީ ޕާކް ކޮށްފައި އޮއްވަ އެވެ.

އަދި މިކަމުގެ ސަބަބުން، އޭނާ ކާންބޯން ކުރާ މަސައްކަތް ހުއްޓި ބޮޑެތި ގެއްލުންވާ ކަމަށް އޭނާ ވަނީ ބުނެފައި އެވެ.

"މިކަމުގައި ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ އެހިތެރިކަމާއި އާއްމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޭނުން"

އައިމިނަތު ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ. މިދިޔަ އަހަރު އޮކްޓޯބަރުގައިވެސް އެ ޓެކްސީ އަށް ގެއްލުންދީގެން ރިޕޯޓު ކުރި އެވެ.