ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅު އަޒްލީމާ އަބްދުއް ސަމަދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އާ ގުޅުނީ ސެެކިއުރިޓީ ގާޑެއްގެ ވަޒީފާއަށެވެ. އޭރު އޭނާ އެ ވަޒީފާއާ ގުޅުނު އިރު ފުދޭ ވަރެއްގެ އަންހެނުން އެ މަގާމުގައި އުޅުނެވެ. ނަމަވެސް އާައިލީ ދިރިއުޅުމާއި އެހެނިގެން ކަންކަމާ ހުރެ ހުރިހާ އަންހެނުން ކެނޑިގެން ދިޔައީ އެވެ. ނަމަވެސް އަޒްލީމާއާ ވަޒީފާއާ އޮތް ގުޅުމެއް ނުކެނޑުނެވެ.
އޭނާއާއެކު ވަޒީފާގައި ތިބި ހުރިހާ އަންހެނުންހެން ކެނޑުމުން އަޒްލީމާ ދެން ބަދަލުވީ ސެކިއުރިޓީ ސުޕަވައިޒަރެއްގެ މަގާމަށެވެ. އެ ހިސާބުން އޭނާގެ ކުރިއެރުން ހުއްޓުނީކީ ނޫނެވެ. ވަޒީފާގެ ކުރިއެރުން ލިބެމުން އައިސް އެމްޕީއެލްހެ ޕަބްލިކް ރިލޭޝަންސް އޮފީހުގެ ރިސެޕްޝަނިސްޓެއްގެ މަގާމުވެސް ފަހުން ފުރިހަމަކޮށް މިހާރު އަޒްލީމާ ހުރީ އެމްއެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓްގެ އޮފިސަރެއްގެ މަގާމުގަ އެވެ.
ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ފެށި އަޒްލީމާ ވީހާ ދުވަހު އެމްޕީއެލްގައި އޭނާ މަސައްކަތް ކުރިއިރު ފިރިހެނަކަށް ދޫނުކުރާވަރުގެ މަސައްކަތްތައް ވަނީ ކޮށްފަ އެެވެ. އޭނާގެ އަޒުމް އަދިވެސް ހުރީ އެމްޕީއެލްގައި ދެވޭނެ އެންމެ މައްޗަށް ދާށެވެ.
"އެމްޕީއެލްގައި އުޅުނު އިރު ހުންނަނެ ފޯލް ލިފްޓްތައް ގަރާޖާ ކައިރިކުރާ އިރު ކައިރީގައި. ދެން ކުރިން ފޯކް ލިފްޓް ފަދަ ތަކެތިން އެކްސިޑެންޓްތައް އޭރު ހިނގާތީ ޖެހިލުންވެސް ވޭ. އެހެން ނަމަވެސް ހަމަ ބިރު ކަނޑާލާފަ އުޅުނީ" އަޒްލީމާ ބުންޏެވެ،
އަންހެނެއްގެ ގޮތުގައި އަޒްލީމާއަށް އެމްޕީއެލްގައި މިހާރު ހުރި މަގާމަށް އާދެވުނީ އެމްޕީއެލްއިން ވެސް އޭނާއާ މެދު ބެހެއްޓި ގާތް ކަމުންކަމަށް އޭނާ ދެެކެއެވެ. އަދި އަަންހެނުން ބާރުވެރިކުރުމަށް އެމްޕީއެލްއިން ނެގި އިސްނެގުން އަޒްލީމާ ފާހަގަ ކުރެއެެވެ.
"އެމްޕީއެލްގެ ވެރިންގެ ފަރާތުން ވަރަށް އެހީތެރިކަން ލިބުނު. ދަރިން ގޮވައިގެން އުޅޭއިރު ސްކޫލްތަަކަށް ގެންދިއުމާއި މިފަދަ ކަންކަމުގައި ވެސް އުޅެން ޖެހޭތީ އެމްޕީއެލްއިން ވަރަށް ފަސޭހަކޮށްދޭ" އަޒްލީމާ ބުންޏެވެ.
އަޒްލީމާ އެކޭ އެއްގޮތަށް އެމްޕީއެލްގައި ވަރަށް ޒަމާންތަކެއް ވަންދެން މަސައްކަތް ކުރަމުންދާ ކިތަންމެ އަންހެން ބޭފުޅުންނެއް އެބަ ތިއްބެވެ.
ނުވަ ދިހައިގެ ފަހުކޮޅުގެ ތެރޭގައި ނާޒިމާވެސް އެމްޕީއެލްއާ ގުޅުނި ވަރަށް އާދައިގެ ވަޒީފާ އަކަށެވެ. ކްލިއަރެންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ފެށި ނާޒިމާ ވަނީ ހިއުމަން ރިސޯސްއާއި ފައިނޭންސް ޑިޕާޓްމަންޓްގައި ވެސް މަސައްކަތް ކޮށްފަ އެވެ. ވަޒީފާގައި ހިންމަތާއެކު ވަފާތެރިކަމާއެކު ކުރި މަސައްކަތުގެ ފޮނި ކާމީޔާބީއާ ހަމައަށް ދެވި މިހާރު އަދާކުރަމުން ދަނީ ނޯތު ހާބަރުގެ މެނޭޖަރެއްގެ މަގާމެވެ.
ވާޒީފާއަށް އެހާމަ ފަރުވާތެރިކަން ބަހައްޓަމުންދާ ނާޒިމާ އެމްޕީއެލްގެ ގިނަ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކޮށްފައިވާ އިރު އެމްޕީއެލްގައި އޭނާގެ ޒިންމާ އެހާވެސް ބޮޑެެވެ. އަދި އެހާމެ ގިނަ އިރު އެމްޕީއެލްގައި ވަރަށް ގިނަ އިރު މަސައްކަތް ކުރާ ބޭފުޅެކެވެ. ނަޒިމާ ބުނާ ގޮތުން ނަމަ އެހާ ގިނަ ދުވަހު އެމްޕީއެލްގައި އުޅެން ޖެހުމުން އެ ކުންފުންޏަށް ހުންނަނީ ވަރަށް ބޮޑަށް ލޯބި ޖެހިފަ އެވެ. އެމްޕީއެލްއަކީ މިހާރު އޭނާގެ ދެވަނަ އާއިލާއޭ ވެސް ބުނެވިދާނެ އެވެ.
އެމްޕީއެލްއިން އަންހެނުން ބާރުވެރިކުރުމުގެ ކުރާ މަސައްކަތުގެ ފޮނި މޭވާ ދަނީ ފެންނަމުން ނެވެ. މިހާރު ވެސް އެ ކުންފުނިން ހޯދާ ކާމިޔާބުތަކުގައި އަންހެނުންގެ ހިއްސާ ކުޑައެއް ނުވާނެ އެވެ.
"އެމްޕީއެލްއަކީ ހަމަ ވަރަށް ހަަމަ މުވައްޒަފުންނަށް ރަނގަޅު ކުންފުންޏެއް. ހަމަ އެއްވެެސް ގޮތެއް ނެތިގެން ނޫނީ މުވައްޒަފަކު ދޫކޮށެއް ނުލާނެ. އަންހެނުންނަށް ވެސް ހަަމަ ނަމޫނާ ކުންފުންޏެކޭ ބުނެވޭނީ" ނާޒިމާ ވިދާޅުވި އެވެ.