ކްރައިމިއާ އާއި ދޮންބާސްއާ މެދު ގޮތެއް ނިންމަން އެދިވަޑައިގަންނަވާ ކަމަށް ޔުކްރޭންގެ ރައީސް ވޮލޮދިމިރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެ ދެސަރަހައްދުގެ މުސްތަގުބަލާ މެދު މަޝްވަރާ ކުރައްވަން ތައްޔާރު ކަމަށެވެ.
ކްރައިމިއާ އަކީ ބައިނަލްއަގްވާމީ ގާނޫންތަކުގައި ޔުކްރޭންގެ ބިމެކެވެ.
ޔުކްރޭންގައި 2014 ވަނަ އަހަރު ހިނގާދިޔަ ހަމަނުޖެހުން ތަކުގައި ޔުކްރޭންގެ މައި ސަރުކާރުން ވަކިވެގަތުމަށް ކްރައިމިއާ ސަރަހައްދުގައި އުފެދުނު ހަރަކާތްތަކުގައި ރަޝިއާ ކޮޅަށް ބުރަވި ބަޔައިގަނޑަކާ ހެދި ރަޝިއާގެ އަސްކަރިއްޔާއިން ކްރައިމިއާ ޖަހައިގަތީ އެވެ.
ދޮންބާސް އަކީ ވެސް ޔުކްރޭންގެ ސަރަހައްދެކެވެ. ދޮންބާސްގެ ދެކޮޅު -- ދޮނެސްކާއި ލުހާންސްކްގައި އަމިއްލަ ވެރިކަމެއް އުފެއްދައި އެއީ މިނިވަން ދެ ދައުލަތް ކަމަށް އޮތީ ދައުވާ ކޮށްފަ އެވެ.
ރަޝިއާއިން މިދާކަށް ދުވަހު ދޮނެސްކާއި ލުހާންސްކް އަކީ މިނިވަން ދެ ދައުލަތް ކަމަށް ގަބޫލުކޮށް އެމީހުންނަށް އެހީތެރިވެ ދިނުމަށް ކަމަށް ބުނެ ދޮންބާސްއަށް އަރާފަ އެވެ.
ޔުކްރޭން ސަރުކާރުން ދޮންބާސްގެ އާންމުންނާ ދެކޮޅަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓުވަން ރަޝިއާގެ އަސްކަރިއްޔާއިން ފެށި ހަމަލާތައް މުޅި ޔުކްރޭނަށް ފެތުރި މިހާރު އޮތީ ހަނގުރާމައަކަށް ބަދަލުވެފަ އެވެ.
ރަޝިއާއިން މިހާރު ބުނަނީ ޔުކްރޭނަށް އަރަން ޖެހުނީ ނޭޓޯގައި ބައިވެރިވާން ކިއެވުން ގެންގުޅޭ ވިސްނުމާ ހެދި ކަމަށެވެ. އަދި ނިއުކްލިއާ ގާބިލުކަން ލިބިގަންނަން ޔުކްރޭން މަސައްކަތް ކުރުމަކީ ވެސް ގޯހެއް ކަމަށެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭން ދޫކޮށް ފައިބާނީ ކްރައިމިއާ އާއި ދޮންބާސް ރަޝިއާއަށް ދިނުމުން ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ޒެލެންސްކީ ވިދާޅުވީ ކްރައިމިއާ އާއި ދޮންބާސްއާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގައި ބޮޑަަށް ބާރު އެޅުއްވޭނީ ސެކިޔުރިޓީ ގެރެންޓީ ދިނުމާ ބެހޭ ގޮތުން ކަމަށެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި އެ ދެސަރަހައްދުގައި ވެސް ޔުކްރޭން ސަރުކާރަށް ތާއީދުކުރާ އަދި މައިސަރުކާރުން ނެއްޓެން ބޭނުން ނުވާ މީހުން އުޅެ އެވެ. އެމީހުންގެ މުސްތަގުބަލާ މެދު ގޮތެއް ނިންމައި އެކުގައި އުޅެވޭ ގޮތަކާ މެދު މަޝްވަރާ ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭނަށް ދެން އޮތް ގޮތަކީ ކްރައިމިއާ އާއި ދޮންބާސް، އެމީހުން އެމީހުންނަށް ދޫކޮށްލައި، އުފައްދާފައި އޮތް ވަކި ސަރުކާރު ޔުކްރޭނުން ބަލައިގަތުން ކަމަށެވެ.