އިމްތިޔާޒު ފަހުމީ

އިންތިހާބު ލަސްކުރަން ސާފުކޮށް އިންކާރު ކުރަން: އިންތި

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހު ފަސްކުރަން އިންކާރު ކުރައްވާ ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި މިހެން ވިދާޅުވީ މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން މިހާރު ހަމަޖައްސާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަށް ދިމާވާތީ މިނިސްޓަރު ފައްޔާޒުގެ ޓީމުން އެދެނީ އެހެން ތާރީހަކު އިންތިހާބު ބޭއްވުމަށެވެ. މިރޭގެ ބައްދަލްވުމަކީ އެކަމާމެދު ގޮތް ނިންމަން ބާއްވާ ބައްދަލްވުމެކެވެ.

ބައްދަލްވުމުގައި ފުރަތަމަ ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ އިންތިހާބުގެ ތާރީހު ފަސްކުރަން ތާއީދު ނުކުރައްވާ ކަމަށެވެ. އެންމެ ދުވަހަކަށްވެސް އިންތިހާބު ފަސް ކުރެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގައުމީ މަޖިލީހުން ނިންމި ނިންމުމެއް ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

އިމްތިޔާޒު ވިދާޅުވީ އިންތިހާބުގެ ތާރީހު އަވަސްކުރާނަަމަ އެކަމަށް ތާއީދު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އިންތިހާބު ފަސް ކުރާކަށް. އަޅުގަނޑު އެދެނީ މީގެ ކުރީން ވެސް ކޮމެޓީން ކަނޑައެޅި ތާރީހުގައި އެއީ ރަމަޟާން މަހުގެ ދުވަހެއްކަން އެނގިތިއްބަވާ ކަނޑައެޅުއްވި ތާރީހުގައި ބޭއްވުން ނޫނިއްޔާ އަވަސްކުރާ ކަމަށް ވަނީވިއްޔާ އަޅުގަނޑު އިއުތިރާޒެއް ނެތް. ލަސްކުރާ ކުރުމަށް އިންކާރު ކުރަން،" އިމްތިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި އިންތިއަށް ފަހު ދެން ވާހަކަ ދެއްކެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އޭނާ ވަނީ ނުސީދާކޮށް ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ވަގުތު ހަމަވުމުން ވާހަކަ ދެއްކެވުން ހުއްޓަވާ ނުލެއްވުމުން ބައްދަލްވުން ވަރަށް ބޮޑަށް ހޫނުވިއެވެ.

މިރޭގެ ޖަލްސާގައި މެންބަރު އަލީ އާޒިމް އާއި މެންބަރު އީވާ އަބްދުﷲ އާއި މެންބަރު މީކާއިލް ނަސީމް އާއި މެންބަރު މުހައްމަދު ވަހީދު އާއި މެންބަރު އިލްޔާސް ލަބީބް އާއި މެންބަރު ހަސަން ލަތީފް ފަދަ އިންތިއަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އިންތިހާބުގެ ތާރީހު ބަދަލު ކުރުމަށް ފާޅުގައި ދެކޮޅު ހައްދަވާފައެވެ. އަދި އެއީ ވަރަށް "ޕީޕީއެމް ސިފައެއް" ކަމަށް ވިދާޅުވެ އިންތިހާބު ފަސްކުރަން ދެކޮޅު ހެއްދެވިއެވެ.

ބައެއް މެންބަރުން ވަނީ ވަރަށް ފާޅުގައި ފައްޔާޒާއި އެމަނިކުފާނުގެ ޓީމަށް ފާޑުވިދާޅުވެފައެވެ. އަދި ވިދާޅުވީ އިންތިހާބު ފަސްކުރަން މަސައްކަތް ކުރަނީ ބަލިވާނެކަން ޔަގީންވުމުން ކަމަށެވެ.