އެމްޑީޕީ

އަލީ ޒާހިރުގެ ޓްވީޓާއެކު އިންތިގެ ޓީމު ރަތަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓްތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ގެންނަން ތާއީދު ކުރައްވާ އެ ޕާޓީގެ އިސް ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިއަދު ހެނދުން ފެށިގެން އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ދިޔައީ ޓްވީޓްތަކެއް ކުރަމުންނެވެ. ރަައީސް އޮފީހުގެ އޮފިޝަަލަކު ވިދާޅުވީ އަލީ ޒާހިރުގެ އެކައުންޓް ހެކްކޮށްފައިވާ ކަމަަށެވެ. އަދި އެ މަަައްސަލަ މިހާރު ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ކުރި ފުރަތަމަ ޓްވީޓްގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީގެ އެކްޓިވިސްޓިކަށް ވަނީ ރައްދު ދީފައެވެ. އަދި ބައެއް ހުތުރު ބަސްތައްވެސް ބޭނުން ކޮށްފައިވެއެވެ.

ދެވަނަ އަދި ތިންވަނަ ޓްވީޓްގައިވެސް އެފަދަ އިބާރާތްތައް ބޭނުން ކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ނާއިބު ރަައީސް އީވާ އަބްދުﷲ ވިދާޅުވީ ކުރިއަށް އޮތީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކަމަށާ މިއީ އަލީ ޒާހިރާ ކުޑަވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުން ގެނައި ސަރުކާރުގެ ކިތަންމެ ވަރުގަދަ މަގާމެއްގައި އިންނެވުނެއް ކަމަކު އެމްޑީޕީ ހަރާބުކުރަން މެމްބަރުން ފުރުސަތެއް ނުދޭނެ ކަމަށެވެ.

"ފަހަތަށް ޖެހިވަޑައިން މި ޕާޓީއަށް މި ކަން ދޫކޮށްލައްވާ،" އަލީ ޒާހިރަށް އިޝާރާތް ކުރައްވާ އީވާ ވިދާޅުވިއެވެ.

މި މައްސަލާގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހަސަން ވިދާޅުވީ ކުރާ ނުރަނގަޅު ކަންކަން މަތިޖެހުމަށާއި ފޮރުވުމަށް ފަހަރަކު މުއައްސަސާއެއް ފަހަރަކު މުއައްސަސާއެއް ބޭނުން ކުރަމުން ކުރަމުން ގެންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމަށެވެ.

"... އެހެން ނުހައްދަވާ. ޕާޓީ އާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލުނަ ނުދެއްވާ،" ރައީސް ސޯލިހަށް ޓެގް ކުރައްވާ ހަސަން ލަތީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައެވެ.

އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ތަރުޖަމާން އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި އޮޅިގެން މުޅި ދައުލަތް ބޭނުންކުރެވެމުންދާ ކަމަށެވެ.

"ރައީސް އޮފީސް އެކައުންޓުތަކުން އޮޅިގެން ޓުވީޓް ކުރެވެނީ. ޗީފް އޮފް ސްޓާފަށް އޮޅިގެން ޓުވީޓް ކުރެވެނީ. އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި އޮޅިގެން މުޅި ދައުލަތް ބޭނުންކުރެވެނީ. އެހެން ނުހައްދަވާ،" ވަހީދު ވިދާޅުވިއެވެ.