(އަންގާރަ ދުވަހުގެ ނޫހާ ގުޅޭ)
ދަރިފުޅު ގޮވައިގެން ސައުން ބޭރަށް ދިޔަފަހުން ދެހަފްތާ ވީއެވެ. ދަރިފުޅުގެ ހާލު އައި ރަނގަޅު ވަމުންނެވެ. ކަންބޮޑުވެ ސީރިޔަސް ވާވަރު ކަމެއް ނެތް ކަން އެނގުމުން ﷲގެ ކިބަފުޅަށް ޝުކުރުކޮށް ދުޢާ ކުރެވުނެވެ. ސައުންގެ ހިތް ކުދިކުދި ވަމުން ދަނީ އާލިޔާ ދެކޭހިތުންނެވެ.
އިބުރާހިމް ނާޞިރު އިންޓަރނޭޝަނަލު އެއާރ ޕޯޓުގެ ރަންވޭގައި ބޯޓް ޖެއްސުމާ އެކު ސައުންގެ ހިތުގައި ތަފާތު ގިނަ އިހުސާސްތަކެއް އެކި ގޮތް ގޮތަށް ދައުރު ވަމުން ދިޔައެވެ. ރާއްޖެ އަންނާނެ ކަމަށް އާލިޔާ ގާތު ސައުން ބުނެފައި ވަނީ ހުކުރު ދުވަހުއެވެ. އެހެން ހެދީ ގަސްތުގައެވެ. އާލިޔާ އަށް ސަޕުރައިޒެއް ދިނުމަށެވެ. ދަރިފުޅާއެކު މިޝްކާ ހިނގައިގަތީ ސައުންގެ ފަހަތުން ނެވެ. ދަރިފުޅާ އެކު މިޝްކާ ހޭދަ ކުރި ދެހަފްތާއަކީ މިހާތަނަށް ހަޔާތުގައި ދެކުނު އެންމެ ހިތްދަތި ދުވަސްތަކެވެ. އެކުގައި އެއްކޮޓަރީގައި އުޅެމުން ދިޔައިރު ސައުން ދަރިފުޅާއި ބެހޭގޮތުން ބުނަށް ބޭނުންވާ ވާހަކައެއް ފިޔަވާ އިތުރު އެއްޗެކޭ ނުބުނެއެވެ.
ދެފަހަރެއްގެ މަތިން މިޝްކާ ސައުންގެ އަތުގައި ހިފައި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ސައުންގެ ކިބައިން ފެނުނީ ނުރުހުމާއި ނަފުރަތެވެ. ޝަރުއީ ގޮތުން ކައިވެނީގެ ގުޅުމުގެ ނަން ދެމި އޮތް ނަމަވެސް އެދެމެދުގައިވާ އަނބިފިރި ކަމުގެ ގުޅުން ވަނީ މީގެ އެތަކެއް ދުވަސް ކުރިން ކެނޑިގެން ގޮސްފައެވެ. އެ ދުވަހު މިޝްކާ ސައުންގެ އާދޭސް ތަކަށް ދިނީ ބީރު ކަންފަތެކެވެ. ކައިވެނި ދަމަހައްޓަން ކުރި ހުރިހާ ކަމެއްވީ ބޭކާރެވެ. ވަފާތެރި ފިރިއެއްގެ ގޮތުގައި ވަނީކޮށް ހިލޭ އަންހެނުންނާއި އަޅުވާ ކިޔުން ވަނީ އޭރު އާއްމު ކޮށްފައެވެ.
އެންމެފަހުން ޚުދު މިޝްކާ އެހެން މީހެއްގެ ކިބައިން ނަހަމަ ގޮތުގައި ހޯދަމުންދިޔަ އުފާތައް ފަޅާއަރާ މުޅި ދުނިޔެއަށް ފަޟީހަތްވީއެވެ. މިޝްކާގެ ރީތި ކަމަށް ތަޢުރީފް ކުރާނެ ދުލެއް މިއަދަކު ނެތެވެ. ލިބިފައިވާ ރީތި ސޫރަ ނީލަން ކިޔަމުން ދުވި އިރު މިޝްކާގެ ފިރިމީހާގެ އަބުރާ މެދު ވިސްނާ ނުލިތާ އާޚިރަތުގެ މަތިން ވެސް ހަނދުމަ ކޮށްފައި ނުވެއެވެ. ލީކުވެގެން ދިޔަ ފޮޓޯތަކާ އެކު މިޝްކާގެ އަގުވަނީ ވެއްޔާ މޮޑެވި ގޮސްފައެވެ. ޚުދު މިޝްކާގެ އާއިލާއިން ވެސް މިޝްކާ ބަލައި ނުގަތެވެ. އެމީހުންގެ ގެދޮރަށް ވައްދަން އިންކާރު ކުރިއެވެ. އެތައް އާދޭހަކާ އެކު ކައިވެނި ރޫޅެން ދެން ކުދިންގެ ކައިރީގައި ހުރުމުގެ ހުއްދަ ސައުން ދިނީ އިންސާނިޔަތަށް ޓަކައެވެ. އެއީ ކުދިންގެ މަންމަ ކަމަށް ވީތީއެވެ.
އެހެންކަމުން މިޝްކާ އުޅެމުން ދަނީ ސައުންނާ އެއްހިޔާ ވައްސެއްއިގައި ނުދަންނަ މީހެއް ފަދައިންނެވެ. ނަމަވެސް ދެމީހުންގެ ކޮޓަރި ވަނީ ބަދަލުވެފައެވެ. މިޝްކާ ހުރުމަށް ސައުން ހަމަޖައްސައި ދީފައި ވަނީ ގޭގައި މެހުމާނުން އައިސް ތިބުމަށް ހަދާފައިވާ ކޮޓަރިއެވެ. ކުރިން އުޅުނު އަރާމު ދިރިއުޅުމާއި ތަންމަތިން މަހުރޫމް ވުމުން މިޝްކާއަށް ކުރެވުނު ކުށުގެ މަތިން ހަދާންވެ ދެލޮލުން ކަރުނަ ހިކޭ އެންމެ ވަގުތެއް ވެސް ނާދެއެވެ. ދެމީހުން އެކުގައި ހޭދަ ކުރި ލޯބިވެތި ދިރި އުޅުން މަތިން ހަދާންކޮށް ރުއިން ފިޔަވާ އެއްވެސް ކަމެއް މީޝްކާ އަކަށް ނުކުރެވެއެވެ. ސައުންގެ ކަންތައްތައް ކުރަން މިހާރު މިޝްކާ ބޭނުންވެއެވެ. އެހެންވެ ސައުން އައިގޮތަށް އޮފީހަށް ދާނެކަން އެނގޭތި ހެދުމެއް އިސްތިރި ކުރުމަށްފަހު ކޮޓަރިއަށް ވަނެވެ.
އެވަގުތު ސައުން ފެންވަރައިގެން ނުކުތެވެ. ތުވާއްޔާއެކު ސައުން ހުރިތަން ފެނުމުން މިޝްކާގެ ގެ ހިތުގައި ކުރީގެ ހަދާންތައް އާވާގޮތް ވިއެވެ. އޭރު ދެމީހުން އެކުގައި ކުރި މަޖާތަކާ ލޯބިން އެކަކު އަނެކަކަށް ކުރި ސަމާސާތައް މަތިން ހަނދުމަވިއެވެ. މިޝްކާގެ ފިޔަވަޅުތައް ސައުންނާ ދިމާއަށް މިސްރާބު ޖެހުނީ އިހުތިޔާރަކާއި ނުލައެވެ. އޭރު ސައުން ޑްރެސިން ޓޭބަލު ކައިރީގައި ރީތިވުމަށްޓަކައި ލޯގަނޑުގެ ކުރިމަތީގައި ހުރެގެން ބޮލުގެ އިސްތަށިގަނޑުގައި ހެއާކުރީމު އުނގުޅަމުން ދިޔައެވެ. މިޝްކާގެ ހިތުގައި އުތުރި އަރަމުންދާ އިހުސާސް ތަކާއެކު ސައުންގެ ގައިގައި ފުރަގަހުން ބެއްދިއެވެ. ދެ ވަނަ ސިކުންތުގައި ސައުން މިޝްކާގެ ދެއަތުގައި ހިފާ ގަޔާ ދުރުކޮށް ލުމަށްފަހު މިއީ މިހާރު މިޝްކާގެ ސައުންނެއް ނޫނޭ ބުނީ ހިތްހަމަ ނުޖެހުމާ އެކުގައެވެ. އަދި ބުނަމުން ދިޔައެވެ.
"މީގެ ފަހުން އަހަރެންގެ އެއްވެސްކަމެއް މިޝްކާ ކޮށްގެން ނުވާނެ. އަދި މިކޮޓަރިއަށް ވެސް ވަދެގެން ނުވާނެ. މިޝްކާގެ އަމަލުތައް ތިޔަ ގޮތަށް ހުންނަ ކަމުގައި ވާނަމަ މިގޭގައި ހުރުމުގެ ފުރުޞަތު ދެން ޖެހޭނީ ބަންދު ކުރަން. އިރެއްގައ މިޝްކާގޭ ފަހަތުން ރޮމުން އާދޭސް ކުރަމުން ދުވި ނަމަވެސް ދެން ނުދުވާނަން. އިތުރަށް ދެން ތަޖުރިބާ ކުރާނެ އާ ކަމެއްނެތް. ކުރިން ނުލިބުނު ލޯތްބާއި ހިމާޔަތް އަލުން ލިބޭނެ ކަމަކަށް އުއްމީދެއް ނުކުރަން. އެތައް ރެއެއްގެ ނިދިން މަހުރޫމުވެ، ރޮއިލަ ރޮއިލާ އޮތް އިރު އެތަނެއް ނުފެނުނު. އެއިރު މިޝްކާ އަކަށް އަހަރެންގެ ދެލޮލުން އޮހޮރުނު ކަރުނައަކީ އަގެއްހުރި އެއްޗަކަށް ނުވި. އަހަރެންކުރި އާދޭހުގެ އަޑެއް ނީވުނު. އަދި އަނބި މީހާއަށް އަހަރެން ބޭނުން ވާނެ މިންވަރު އިހުސާސެއް ނުކުރެވުނު. ހަލާލު ފިރިމީހާ ހުއްޓާ މިޝްކާ ދުވަމުން ދިޔައީ ހިލޭ ފިރިހެނުންގެ ފަހަތުން. ކޮންކަމެއް ނުކޮށް ދެވޭތީ ބާއޭ އޭރު ހިތަށް އެރި. ހިތް ހަމަނުޖެހޭ ގޮތަކަށް ކަމެއް ދާނަމަ އެކަމެއް އިޞާލާޙު ކުރަން ބޭނުންވާ ކަން ކިތަންމެ ފަހަރަކު ހާމަ ކުރިން. އެހެންނަމަވެސް ވީ އެއްކަމެއް ވެސް ނެތް. ވީއިރު މިއަދު އަހަރެންނަށް މީޝްކާގެ ހިތުގެ ޖަޒުބާތު ތަކުގެ އަޑު އިވެންވީ ކީއްވެ؟ މިހާލަތުގައި ތިއައީ އަހަރެންގެ އަނތްބެއްގެ ނަން ބޮލުގައި އަޅައިގެން އިން ނަމަވެސް އެޙައްޤު ތަކުން އަމިއްލައަށް މަހުރޫމްވީ މީހަކަށް ދެން އިތުރަށް ދޭން ޖެހޭނެ ހައްޤެއް އޮތް ކަމަކަށް މިހާރަކު ނުދެކެން. މިޝްކާގެ އުފަލަށް ޓަކައި އަހަރެންގެ ހިތާ ދެކޮޅަށް ހަމްދަރުދީ ވެގެން އުޅުމުގެ މައުނައެއް އޮތް ކަމަކަށް ނުވިސްނެ. އޭރު ފިރިމީހާ ކާން ވާނެ ކަމެއް ހެދުން ބަދަލު ކުރަން ވާނެ ކަމެއް ގެއަށް އައިސް އަނބިމީހާގެ ފިރުމުމާއި އަޅާލުން ބޭނުން ވާނެކަމެއް އިހުސާސެއް ނުކުރެވުނު. މިއަދު ދެން އެ ދުވަސްތަކާއި އެ އުފާތައް ދޭން މިޝްކާ މަސައްކަތް ކުރުމުގެ އެއްވެސް ބޭނުމެއް އޮތް ކަމަކަށް ނުދެކެން'' ސައުން ވާހަކަ ދައްކަމުން ދިޔަ އިރު މިޝްކާ އަޑުން އަޑުނަގާ ރޮމުން ދިޔައެވެ.
އަދި ދެން އެހެން ނޫޅޭނެ ކަމަށް ބުނަމުން ދިޔައެވެ. ދެން ދުވަހަކުވެސް އެބާވަތުގެ އުޅުމެއް ނޫޅޭނަމޭ ބުނެ އާދޭސް ކުރަމުން ދިޔައެވެ. އަދި މިޝްކާ ރޯތަން ފެނުމުން ސައުންނަށް އުނދަގޫ ވަމުން ދިޔައެވެ. އިންސާނިޔަތުގެ ކުލުނުގެ ސަބަބުން ހިތަށް ތަދު ކުރަމުން ދިޔައެވެ. ކަންތައްތައް މާމައްޗަށް ދާން ވެއްޖެ ނަމަ ސައުންނަށް ދެވޭ ހަމްދަރުދީގެ ނިވަލުގައި އިތުރަށް އެދެމެދުގައި ގުޅުން ބަދަހިވެ ދިއުމަކަށް ސައުންނެއް ނޭދެއެވެ.
މިޝްކާގެ ފުށުން ސަލާމަތްތ ނުވެވޭނެކަން އެނގުމުން މިޝްކާ އިސްތިރި ކޮށްގެން ގެނައި ހެދުން ބޮޑި ކޮށްލުމަށް ފަހު މިޝްކާގެ ފައިބުޑަށް ގުޅައަކަށް ޖެހިއެވެ. އަދި އެހެން ހެދުމެއް ނަގައިގެން އަމިއްލައަށް އިސްތިރި ކުރަން ފެށިއެވެ. އަނެއްކާ ވެސް މިޝްކާ ގޮސް އިސްތިރީގެ ވާގަނޑުގައި ހިފަހައްޓައި ސައުން އިސްތިރި ކުރިއަކަ ނުދިނެވެ. ސައުން ކުރިއަށް ވުރެ ރުޅިގަދަވާ ގޮތްވިއެވެ. ދުރުގައި ހުންނާށޭ ބުނެ މިޝްކާގެ އަތުގައި ހިފާ ދުރަށް ލިއެވެ. މިހާތަނަށް ސައުން އެހާ ބާރަށް މިޝްކާއާ ދިމާލަށް އެއްޗެކޭ ބުނެފައެއް ނުވެއެވެ. އެންމެ ފަހުން މިޝްކާ ދުވެފައި ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ސައުން ހުރީ ކުޑަކޮށް ކަންބޮޑުވާ ގޮތް ވެފައެވެ. އެއީ މިޝްކާ ރޯތަން ދަރި އަކަށް ފެނިއްޖެ ނަމަ ސައުންނާ މެދު ކުދިން ހީކޮށް ފާނެ އެއްޗަކާ މެދުގައެވެ. އަދި ދެމީހުންގެ ގުޅުން ކެނޑިގެން ދާން އުޅޭކަން ކުދިންގެ ގާތުގައި މިޝްކާ ބުނެފިނަމަ ދެން ކަންތައް ކުރާނެ ގޮތަކާ މެދު ސައުން ވިސްނަމުން ދިޔައެވެ.
އޮފީހުގެ ގަޑި ނުނިމެނީސް އޮފީހަށް ދާން ސައުން ކުރިމަސައްކަތް މި ވަނީ ބޭކާރު ވެފައެވެ. މިހާރު އާލިޔާ އޮފީހުގައި ނުހުންނާނެކަން އެނގުމުން ވަރަށް ކަންތައް ބޮޑުވިއެވެ. ހިތުގައި ކުރި ހުރިހާ ޕްލޭނެއް ފޭލްވުމުން އަދި މާ ބޮޑަށް ދެރަވިއެވެ. އަދި ފޯނު ކޮށްފި ނަމަ އާލިޔާއަށް ސައުން ރާއްޖެ އައިކަން އެނގިދާނެތީ ފޯނު ކުރާކަށް ބޭނުމެއް ނުވިއެވެ. ވިސްނާ ވިސްނާ އެންމެ މޮޅު ގޮތަކަށް ސައުންނަށް ވިސްނުނީ ނަވާލު އަށް ގުޅުމަށެވެ. އަދި ބައެއް ވާހަކަތައް ނަވާލު އައި ހީއްޞާ ކޮށްގެން އާލިޔާ އަތުޖެހޭނެ ގޮތަކާ މެދުގައެވެ.
ރަސްމީގަޑި ނިމުނު ނަމަވެސް މާދަމާ ކަސްޓަމުން ނަގަން ޖެހޭ މުދަލާއި ބެހޭ ގޮތުން ހަމަޖައްސަން ޖެހޭ ލިޔެކިޔުން ނުނިމޭތި އާލިޔާއާއި ނަވާލުއާ ދެމީހުން އޮފީހުގައި މަޑުކުރިއެވެ. އާލިޔާ އިނީ އެމަސައްކަތް ނިންމާފަ ނޫނި ނުދާން ވެގެންނެވެ. ރައްޓެއްސަކާ އެކު މިރޭ ކެއުމަކަށް ދާން ދަޢުވަތު ލިބިފައި އޮތުމުން ކުޑަކޮށް ބާޒާރެއް ކޮށްލަން އެބައޮތޭ ބުނެ ގެއަށް ދާން ނަވާލު މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އާލިޔާގެ ހުރަސް އެޅުމާ އެކު ނަވާލުއަށް ދެވޭ ގޮތެއް ނުވިއެވެ. މިފަހަރު ނަވާލު އެހެން ބުނުމުން އާލިޔާ ބުންޏެވެ.
''އަހަރެން ނުގެން ދާނަން ހެއްޔެވެ؟'' ނަވާލު ހިނިގަނޑެއް ޖަހާލުމަށް ފަހު ތިޔައީ ދާން ކެރިގެނެއް ނޫން އަނގަޔާއި ދޫ ސަލާމަތުން އޮތަތީ ބުނި އެއްޗެއްކޭ ކިޔާ ދިމާކުރިއެވެ. އާލިޔާ ވަރަށް ސީރިޔަސްވެފައި "ނޫނެކޭ މި ދުވަސްކޮޅު ވަރަށް ފޫހިވާތީ މިއުޅެނީ ބޭރަށް ޖައްސާލައި ކޮންމެސް ބަޔަކާއި އަނގަތަޅާލަން ބޭނުން" މިހެން އާލިޔާ ބުނެ ނުނިމެނީސް މިރޭ ދާން ހިނގާށޭ ބުންޏެވެ.
ލަނޑެއް ނުދެއްޗޭ ބުނުމަށް ފަހު އަދިވެސް ނުނިމޭހޭ ކިޔާ ފޯނު ނަގާ ގަޑި ބަލާލިއެވެ. ގަޑިން ފަސްގަޑި ތިރީސް ވަނީއެވެ. އެވަގުތު މެސެޖެއް އައިސްފައި އޮތުމުން އެމެސެޖު ކިޔާލިއެވެ. އެމެސެޖުގައި ސައުން ގެ ޕުލޭން ނަވާލުއާއި ހިއްޞާ ކޮށްފައިވެއެވެ. ސައުން އެދިފައި ވަނީ އާލިޔާ ގޮވައިގެން މޭރީ ބުރައުންނަށް އައުމަށެވެ. އިއްތިފާގުން މިދިމާވި ނަވާލުމެންކުރި ޕުލޭންގައި ވެސް ދާން ނިންމި ތަނެވެ. އެހެންކަމުން އާލިޔާއަށް މިއިން އެއްވެސްކަމެއްގެ ޚަބަރު ނުވާ ގޮތުން ސައުންނާއި ދެމިހުން ވާހަކަ ދެކެވި، އާލިޔާ މިރޭ އެތަނަށް ގެންގޮސް ދޭންނެ ކަމުގެ ޔަޤީންކަން ނަވާލު ސައުންނަށް ދިނެވެ. ނަވާލު މެސެޖަކަށްފަހު މެސެޖެއް ފޮނުވަމުން ދިޔައެވެ. އެތަން ފެނި އާލިޔާ މިހާރު ކޮންކުއްޖަކު ހައްދަނީހޭ ކިޔާ ދިމާކުރިއެވެ. އަބަދުވެސް ތިންހަތަރު އަންހެން ކުދިން މީނަގެ އަވައިގައި ޖައްސައިގެން ގެންގުޅޭ ކަމަށް ބުނެ ނަވާލު އާއި ދިމާ ކޮށްލިއެވެ. މިރޭ ތިޔަކަން އާލިޔާއަށް އަންގާލާނަމޭ ނަވާލު ބުނީ ސަމާސާ ރާގެއްގައެވެ. މިރޭ މިދަނީ ޑޭނައިޓަކަށް އެހެންވީމާ އާލިޔާ ވެސް ތީމާ އެއްކުލައިން ހެދުން އަޅަން ވާނެއޭ ނަވާލު ބުންޏެވެ.
އެހެން ބުނުމާއެކު އާލިޔާ ބުންޏެވެ. "އެއި އަނެއްކާ ކޮންކުލައެއްތަ؟ ކަނޑު ނޫކުލަތަ އެކުލަވިއްޔާ ލެވިދާނެ. އަހަރެމެންގެ ވަށައިގެން މިއޮތް ރަށްރަށުގެ ބޭރުން އެފެންނަނީ އެކުލަ ވީއްޔަ.''
އާލިޔާ އެހެން ބުނުމާ އެކު ކުލަ ސައުންނަށް މެސެޖު ކޮށްލިއެވެ. ނަވާލު ބުނަމުން ދިޔައެވެ. އާލިޔާގެ ހިތް ހާދަ ސީދަލެވެ.
"މަ ރޭގަ ގަތީ ހަމަ އެ ކުލައިގެ ގަމީހެއް މަށަށް ވެސް އެއީ ހާދަ ރީތި ކުލައެކޭ. ފަނި ނު ހަދާ އަންނަން ވާނެ. މަ ދާނަށް އާލިޔާ ބަލައި ތިގޭ ދޮށަށް އޯކޭތަ" އެހެން ނަވާލު ބުނުމުން އާލިޔާވެސް އެގޮތާ އެއްބަސްވިއެވެ. އޭރު މަސައްކަތް ވެސް ނިމިއްޖެއެވެ. އެންމެ ފަހުން ދެމީހުން މިރޭ ގަޑިއށް ދާންވާނެއޭ ބުނެ އޮފީހުން ނުކުތެވެ. (ނުނިމޭ)