ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވިހެއުމުން ފަނޑިޔާރުންނަށް ޗުއްޓީ ލިބޭ ބިލް ތަސްދީގު ކުރައްވައިފި

Mar 10, 2022

ފަނޑިޔާރަކު ވިހެއުމުން ޗުއްޓީ ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ގެނައި ހަތްވަނަ އިސްލާހެވެ.

މަޖިލީހުން މިބިލް ފާސްކުރީ މިމަހުގެ ހަތްވަަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

ބިލަށް ގެނައި އިސްލާހުގައި ވަނީ ފަނޑިޔާރަކު ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ޗުއްޓީ ދިނުމަށް ކަނޑައަޅާ މާއްދާއެއް އެ ގާނޫނުގެ 64 ވަނަ މާއްދާގެ ފަހަތަށް 64-1ގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށެވެ.

އެ މާއްދާގައި ބުނާގޮތުން ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްގު، ކޮންމެ ފަނޑިޔާރަކަށް ލިބިގެންވެ އެވެ. އަދި ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީ އަކީ މުސާރަ ހިނގާ ގޮތަށް ދެވޭ ޗުއްޓީއެއް ކަމަށާއި މި ޗުއްޓީގެ މުއްދަތަކީ އަންހެން ފަނޑިޔާރަކަށް ހަމަސް ދުވަސް އަދި ފިރިހެން ފަނޑިޔާރަކަށް އެއް މަސް ދުވަސް ކަމުގައި ކަނޑައަޅާފައިވެ އެވެ. އަދި މާބަނޑުވުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ލިބިދޭ އެހެނިހެން ޗުއްޓީ ލިބުމުގެ ހައްގު ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ފަނޑިޔާރުންނަށް ލިބިގެންވެ އެވެ.
ސިވިލް ސާވިސްގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ދައުލަތުގެ ބައެއް އެހެން އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފަކު ވިހައިފިނަމަ އެ މުވައްޒަފަކަށް ހަމަސް އަދި ފިރިމީހާއަށް އެއް މަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް އަމަލުކުރަން ފެށީ މާޗް، 2019 ގައެވެ.

ސަރުކާރު މުވައްޒަފަކު ވިހައިފިނަމަ އެ މުވައްޒަފަކަށާއި އޭނާގެ ފިރިމީހާ އަށް މެޓާނިޓީ ލީވްގެ ގޮތުގައި ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.