ރަޝިއާ އާއި ޔުކްރޭންގެ ޚާރިޖީ ވަޒީރުން ތުރުކީގައި ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކުން ދޭހަވިހާވެސް ކަމަކީ ހަނގުރާމަ ހުއްޓާލުމުގެ ވިސްނުން ރަޝިއާ ނުގެންގުޅޭކަން ކަމަށް ޔުކްރޭންގެ ޚާރިޖީ ވަޒީރު ދިމިތުރޯ ކޫބެލާ ވިދާޅުވެއްޖެ އެވެ.
ތުރުކީން މެދުވެރިއެއްގެ ދައުރު އަދާކުރި މަޝްވަރާ ބައްދަލުވުން އޮތީ ތުރުކީގެ ރިސޯޓް ސިޓީއެއް ކަމަށްވާ އަންތާލިއާގަ އެވެ.
ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ރަޝިއާގެ ޚާރިޖީ ވަޒީރު، ސަރުގޭ ލަވްރޯފް އާއި ޔުކްރޭންގެ ޚާރިޖީ ވަޒީރު ދިމިތުރޯ ކޫބެލާ އަދި ތުރުކީގެ ޚާރިޖީ ވަޒީރު މަވްލޫތު ޗަވްސޯލޫ އެވެ.
ކޫބެލާ ވިދާޅުވީ ހަމަލާތައް ހުއްޓާލަން ރަޝިއާ ބޭނުން ނުވާ ކަމަށާއި އެމީހުން ބޭނުންވަނީ ޔުކްރޭނުން އަމާންދިނުން ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ޔުކްރޭނުން ހަމަލާތައް ހުއްޓާލަން ޖެހޭ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި ޔުކްރޭނަކީ ގަދަ ބާރެއް ކަމަށެވެ.
ޔުކްރޭނާ ގުޅުން ހުރި އެއްވެސް ކަމެއް ނިންމުމަށް ސަރުގޭ ލަވްރޯފަށް ހުއްދަ ލިބިފައި އޮތް ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް ކޫބެލާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާއިން ހުށަހެޅީ ގޮތެއް ނިންމަން ވަރަށް ދަތި ކަންކަން ކަމަށެވެ.
ކޫބެލާ ވިދާޅުވީ މަޝްވަރާ ބައްދަލުވުމުގައި ރަޝިއާއިން ދިން މެސެޖަކީ ރަޝިއާއިން ހުށަހަޅާފައި ހުރި ޝަރުތުތައް ޔުކްރޭނުން ގަބޫލު ކުރަންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމެވެ.
ގަޑިއަކަށް ވުރެ އިރުކޮޅެއް އިތުރަށް ހޭދަވި މަޝްވަރާ ބައްދަލު ވުމުގައި ތުރުކީން އަދާކުރީ ހަމައެކަނި މެދުވެރިއެއްގެ ދައުރެވެ. މަޝްވަރާތަކަށް ކޮޅުއެއްލައި އަދި އެއްވެސް ކަމެއް ޝަރުތުކޮށް ހަދާފައެއް ނުވެ އެވެ.