މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ހަނގުރާމައަށް ގޮސް ހާލުގައި ޖެހުނު އާއިލާއެއް ރާއްޖެ ގެނެސްފި

ހަނގުރާމައަށް ގޮސް ހާލުގައި ޖެހުނު އާއިލާއެއް ރާއްޖެ ގެނެސްފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއީ ހަނގުރާމަތަކަށް ދިޔަ ދިވެހި އާއިލާތައް ފުރާނައަށް ނުރައްކާވާ ވަރަށް ގޮސްފައިވާތީ އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން ޒިންމާދާރު ދިވެހީންގެ ގޮތުގައި އަލުން މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ރާއްޖެއިން ބޭރުން ގެނައި ފުރަތަމަ އާއިލާ ކަަމަށެވެ.

އެ އާއިލާގައި ހިމެނެނީ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިން ނެވެ. ނަމަވެސް އެ އާއިލާ ގެނައީ ކޮން ގައުމަކުން ކަމެއް ހޯމް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

"ކުޑަކުދިންނާއި އަނިޔާއަށް ހުށަހެޅިފައިވާ އަންހެނުންނަކީ ރާއްޖޭގެ ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ހާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބަޔަކަށްވާ ހިނދު، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީމައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަންލިބޭތީ އެއީ ގާނޫނީ ގޮތުން މަނާ ކުރެވިފައިވާ އަދި އެއީ އެފަރާތްތައް އަލުންއަނބުރާ މުޖުތަމައަށް ގެނައުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭ ކަމެއްކަމަކަމަށް ވާތީ ޒިންމާދާރުކަމާއެކު މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމެެވެ،" ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ހޯމް މިނިސްޓްރީން ބުނީ މީގެ ކުރިން ހަނގުރާމައަށް ދިޔަ މީހުން ރާއްޖެ އައިސް ޖިނާއި އެއްވެސް ތަކުލީފެއް އުފުލަން ނުޖެހި އަދި އެއްވެސް ރިހިބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިނުވެ މުޖުތަމައުއަށް ދޯވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލަތައް ނިމުމަކަށް ގެނައުމަށްޓައި އެފަދަ ހާލަތުގައި ރާއްޖެ ގެންނަ އަންހެނުންނާއި ކުޑަކުދިންނަށް ދީނީ އިޖުތިމާއި އަދި ނަފްސާނީ ފަރުވާ ދެވޭނެ ގޮތަށް ގާނޫނާއި ގަވައިދުތަކާއ އިސްލާހުކޮށް އެފަދަ ފަރާތްތައް ރިހިބިލިޓޭޓް ކުރުމަށް ބޭނުންވާ މަރުކަޒުތަކާއި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.