ތައިރޮއިޑްގެ އޮޕަރޭޝަނަށް ފަހު ހާލުކޮޅު މިހާރު ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ތައިރޮޑް ފަރުވާ އަށް ރައީސް ސޯލިހް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ މަހު 23 ދުވަހު އެވެ. އަދި އޮޕަރޭޝަން ކުރެއްވީ މިދިޔަ މަހު 25 ވަނަ ދުވަހު އެވެ. އޮޕަރޭޝަން ކުރެއްވީ ހޭނައްތާއިގެން ކަމުން ރައީސްގެ މަސްއޫލިއްޔަތުތައް ނާއިބް ރައީސް ފައިސަލް ނަސީމްއާ ހަވާލު ކުރެއްވެވިއެވެ. އަދި 210 މިނެޓަށް ފަހު އަލުން މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވިއެވެ.
ދެ ތިން ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްވެ ފަރުވާ ހޯއްދެވުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލެވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ދުވަހު ރައީސް ވިދާޅުވީ ހާލު ކޮޅު ރަނގަޅު ކަމަށެވެ.
ގައުމާ މުހާތަބު ކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައިވެސް ރައީސް ވަނީ ތައިރޮއިޑްގެ އޮޕަރޭޝަނަށް ފަހު ހާލުކޮޅު މިހާރު ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަދި ހެޔޮދުއާ ކޮށްދެވި ހުރިހާ ރައްޔިތުންނަށް އާއިލާގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.
"އަޅުގަނޑު މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިއައީ އަޅުގަނޑުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކޮށްގެން. މާތް ﷲގެ އޯގާވަންތަކަމުން އަޅުގަނޑުގެ ހާލު މިހާރު ރަނގަޅު. އޮޕަރޭޝަނަށް އަޅުގަނޑު ސިންގަޕޫރަށް ދިޔަ ދުވަހުން ފެށިގެން އަޅުގަނޑަށް ހެޔޮދުއާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިހްލާސްތެރިކަމާއެކު އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ފަރާތުން ޝުކުރު ދަންނަވަން،" ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ނުރަސްވީ ދަތުރުފުޅެއްގައި ވެސް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ އެ މަހުގެ 15 ވަނަ ދުވަހު އެވެ.