އެޗްޑީސީ

ފްލެޓްތަކަށް ބަދަލު ގެންނާތީ އިންޒާރު ދީފި

ވެށިފަހިމާލެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިހުރި ފްލެޓްތަކަށް ގެއްލުންވާ ގޮތަށް ބަދަލު ގެންނަމުން އަންނާތީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންޒާރުދީފި އެވެ.

އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކޯޕަރޭޝަންގެ ހުއްދައާ ނުލައި ފްލެޓްތަކަށް ބަދަލު ގެންނަމުން އަންނަ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެތަން ފަރުމާކޮށްފައި ހުންނާނީ އިމާރާތުގެ ބަރުމިން ވަކި މިންގަނޑަކަށް ފެތޭ ގޮތަށް، ލޯޑް ކަލްކިއުލޭޝަނަށް ބިނާކޮށް ކަމަށެވެ.

އެޗްޑީސީއިން ބުނީ އިމާރާތަށް ބަދަލުތައް ގެންނަ ނަމަ އެތަނުގެ ސްޓްރަކްޗާއަށް ގެއްލުން ލިބި އެތަން އަވަހަށް ހަލާކު ވެދާނެ ކަމަށެވެ. އެކަމަކު އެކަންކަމަށް ސަމާލުކަން ނުދީ ތަނަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެގޮތުން ތަނުގެ ބެލްކަންޏަށް ބަދަލު ގެނެސް، ބެލްކަނި ބޮޑު ކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ބިންމަތީ ފްލެޓުން އިމާރާތުގެ ކުރިމަތިން ދޮރު ކެނޑުމާއި، އިމާރާތުގެ އެތެރޭގެ ފާރަށް ބަދަލުގެނެސް އެއް ކޮޓަރިއާއި އަނެއް ކޮޓަރި ގުޅުވައިލުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ފްލެޓް އެތެރޭގައި ޑެގު އެޅުން ނުވަތަ ޕާޓީޝަން ޖެހުން ފަދަ ކަންކަމާއި ދެވަނަ ފަންގިފިލާއިން މަތީ ފަންގިފިލާތަކުގައި ސީލިން ހެދުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށް އެޗްޑީސީއިން ބުނެ އެވެ. އޭގެ ސަބަބުން އެ ފަންގިފިލާގެ ޝީޓުގައި ރެނދު ލައިފި ނަމަ ސީލިންގެ ސަބަބުން އެފަދަ ކަންކަން ނޭންގޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މީގެ އިތުރުން ބައެއް މީހުން، ފްލެޓްގައި ޖަހާފައި ހުރި ތަށިމުށި މަތިން އާ ތަށިމުށި ޖަހަމުން އަންނަ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އެތަން ފަރުމާ ކޮށްފައި ވަނީ ވައި ދައުރު ކުރުމާއި ވަދެ ނިކުތުމާއި، އެތަނުގައި ދިރިއުޅޭނެ މީހުންގެ އަދަދާއި، އެމީހުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ދެނެގަތުމަށް ސަރުކާރުން ހަދާފައިވާ މިންގަނޑުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އެހެންކަމުން މިހާރު ބަދަލުތައް ގެނެސްފައިވާ މީހުން، އެކަން ރަގަޅު ކުރުމަށް އެޗްޑީސީ އިން ވަނީ އަންގައިފަ އެވެ.