އޭސީސީ

ދައުލަތަށް ލިބެންޖެހޭ ދެ މިލިއަން ރުފިޔާ ހޯދަން އެންގި

Mar 14, 2022

ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ 2.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް މިދިޔަ އަހަރު ކަމާ ބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ މިދިޔަ އަހަރު ތެރޭގައި ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ 2.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކަށް އެންގުނު ކަމަށެވެ.

އޭސީސީ އަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 782 މައްސަލަ ރަޖިސްޓްރީ ކޮށްފައިވެ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަތޮޅު ތެރެއަށް ދަތުރުކޮށްގެން ތަހުގީގު ހިންގަންޖެހޭ މައްސަލަތައް ހުއްޓިގެން ދިޔަ ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ފަސް އަތޮޅެއްގެ 48 ރަށަކަށް ދަތުރުކޮށް ތަހުގީގު ހިންގާފައިވެ އެވެ.

މިދިޔަ އަހަރު ތެރޭގައި 588 މައްސަލައެއް ނިންމާފައިވާއިރު ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެންވާ 22 މައްސަލައެއް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެ އެވެ. އޭސީސީން ބުނާ ގޮތުގައި މިދިޔަ އަހަރަކީ ވޭތުވެދިޔަ ފަސް އަހަރު ދުވަހަށް ބެލިނަމަވެސް އެންމެ ގިނަ އަދަދެއްގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ޕީޖީއަށް ހުށަހެޅުނު އަހަރެވެ.

އޭސީސން މިދިޔަ އަހަރު ވަނީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ ޕޮލިސީއެއް އެކުލަވާލައި އަމަލުކުރަން ވެސް ފަށާފަ އެވެ. މި ޕޮލިސީ އަކީ ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށް ކޮރަޕްޝަނާ ދެކޮޅަށް ގައުމީ ފެންވަރެއްގައި މަސައްކަތްކުރެވޭނެ ފަދަ ސިޔާސަތުތަކެއް ހިމަނައިގެން އެކުލަވާލާފައިވާ ޕޮލިސީ އެކެވެ.

ކޮރަޕްޝަނާ ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް ހިންގާފައިވާ ހަރަކާތްތަކުގައި އޭސީސީން މިދިޔަ އަހަރު އެންމެ ބޮޑު އަމާޒެއް ދިނީ ދައުލަތުގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށެވެ.

ދައުލަތުގެ ހިންގުމުގެ ދާއިރާގައި ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާތަކަށް ބަލާއިރު، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކަނޑައަޅާ ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ހިރާސްތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ ދިރާސާ އޭސީސީން ފާހަގަކުރެ އެވެ.

އޭސީސީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިދިޔަ އަހަރަކީ ވެސް ކޮމިޝަނަށް ތަފާތު ދާއިރާތަކުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށެވެ. އެގޮތުން ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކާއި، ކޮވިޑް-19ގެ ސަބަބުން އަދި ތަހުގީގުކުރުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ތަހުގީގުކުރުމުގެ ދާއިރާއިންވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ކޮމިޝަނުން ފާހަގަކުރެ އެވެ. މީގެއިތުރުން ފަންނީ ގާބިލް މުވައްޒަފުން ބިނާކުރުމަށާއި އެފަދަ މުވައްޒަފުން ކޮމިޝަނުގައި ހިފެހެއްޓުމަށްޓަކައި ބަޖެޓުގެ ތެރެއިން ހުރި ގޮންޖެހުންތަކުގެ ސަބަބުން ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށްވެސް ބުނެފައިވެ އެވެ.