ދިވެހި ސިނަމާ

ފިލްމީދާއިރާގައި އެއްވެސް އަގެއް ނެތް!

ރާއްޖޭގެ ތޮށިގަނޑު ފަޅާލާފައި ގައުމުގެ ނަން ހިފައިގެން ބޭރުގެ ފުޓްބޯޅަ ލީގެއްގައި ކުޅެން ދިޔަ އަލީ އަޝްފާގު އެހެރަ އަންނަނީ ގައުމުގެ އެންމެން އުފަލުން ރޮވޭހާ ބޮޑު ކުޅުންތެރިއަކަށްވެ ވިދައި ބަބުޅަމުންނެވެ.

އެއީ ތަރިއެކެވެ.

ޒުވާން މިއުޒީޝަނުންތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖޭގެ މެޓަލް ބޭންޑް ނޮތުނެގަލް އާއި އީމާންސް ކޮންސްޕިރެސީ ވެސް އެ ދަނީ ރާއްޖޭގެ ރީތި ނަމާއި ހުނަރުވެރިންގެ ވާހަކަ ބޭރުގެ ދުނިޔެ އަށް ވިއްކަމުންނެވެ.

ރާޅާ އަޅާ ކުދިންނާއި ރޭސް ޖަހާ ޒުވާނުންނާއި ބޮޑީބިލްޑްކުރާ މީހުން ވެސް ރާއްޖެއިން ބޭރުގައި ފައިތިލަ ސާބިތުކުރަނީ އެވެ.

އެއީ ވެސް ތަރިންނެވެ.

ފިލްމު "އިނގިލި" ގައި ލީޑް ރޯލު ކުޅެފައިވާ އެކްޓަރު، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ވަނީ ސަރަހައްދީ ފިލްމު ފެސްޓިވަލެއް ކަމުގައިވާ، ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފަ އެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި ތަރިއެއް ހުރި ނަމަ އެ ތަރިއަކީ ކޮޕީ އިއްސެ އެވެ.

ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާ އިން މި ނަންތައް ފާހަގަކޮށްލީކީ އެއްގޮތަކަށް ވެސް މިވެރިން ބޭރު ދުނިޔެއާ ހަމަ އަށް ރާއްޖޭގެ ނަން ގެނެސްދޭތީކީއެއް ނޫނެވެ. އެމީހުންގެ ކެރިއަރުގައި ހިފަހައްޓަން ޖެހޭ އަހުލާގާއި ނެރެން ޖެހޭ ހިތްވަރު ދައްކުވައިދީފައިވާތީ އެވެ.

ދުނިޔޭގެ އެހެންތަންތާނގައި ވެސް މިފަދަ ފަންނާނުން އުފެދި، ތަރިއެއް ހެން އަރައިގެން ދަނީ މަސައްކަތުގެ އަހުލާގުގެ ތެރެއިން ހިފަހައްޓައިދީފައިވާ ކޮލިޓީއެއްގެ ސަބަބުންނެވެ. މި ދެންނެވި ދިވެހި ފަންނާނުން ވެސް އުފެދުނީ ހަމަ އެ އަހުލާގާއި މަސައްކަތުގެ ތެރެއިންކަން ޔަގީނެވެ.

އެހެންވީމަ އަގެއް ނެތީ ކޮން ތަރިންތަކެއްގެ ހެއްޔެވެ؟

އެކަމަކު މިއަށް ވުރެ ރަނގަޅު ސުވާލަކަށް ވާނީ، އަގެއް ނެތް ތަރިން، އަގެއް ނެތް ތަރިންނަށް ވީ ކިހިނެތްތޯއޭ ސުވާލުކޮށްފިއްޔާ އެވެ.

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ބަލާއިރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ ފިލްމީ ދާއިރާ އާއި މި ދާއިރާގެ މަޝްހޫރު މޫނުތަކަށެވެ. ފުޓްބޯޅަ ކުޅޭ މީހުންނާއި މިއުޒިކް ކުޅޭ މީހުން އަދި އެހެން ފަންނުތަކުން ވެސް ފާހަގަކޮށްލެވޭ ފަރާތްތަކަށް އަމާޒުނުވާ ފާޑުކިޔުން ފިލްމީ ދާއިރާ އަށް އަމާޒުވަނީ ކީއްވެގެންތޯ އެންމެ ފުރަތަމަ ބަލާލަމާ ހިނގާށެވެ.

އެއަށް ފަހު، އަގެއް ނެތް ތަރިންގެ ލިސްޓް ތިޔަ ބޭފުޅުން އަމިއްލަ އަށް ތަރުތީބުކޮށްލައްވާށެވެ. އަޅުގަނޑު އެ ލިސްޓް ތަރުތީބުކޮށްފި ނަމަ މަޝްހޫރު ފިލްމީ ތަރިއަކު އަނެއްކާވެސް ގޭންގްސްޓާރަކު ފޮނުވަފާނެ އެވެ.

ފިލްމީ ދާއިރާގެ އަގު ވެއްޓުމުގެ ވާހަކަ ދައްކާއިރު، ބޮލީވުޑްގެ ތަރި ޕްރިޔާންކާ ޗޯޕްރާގެ ވާހަކަ މި އަށް އިތުރުނުކޮށް ކުރިއަށް ދާ ހިތެއް ނުވެ އެވެ. ސަބަބަކީ އިހަކަށް ދުވަހު މި ރާއްޖެ އަށް އައިސް އޭނާ އެންމެނަށް ވެސް ނިކަން ރަނގަޅު ފިލާވަޅެއް ނަގައިދީފައި ވާތީ އެވެ.

ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު އެއްތަނަކަށް އެއްވި މި އެއްވުމުގެ ސްޓޭޖަށް އަރައި ހުރިއިރު ޕްރިޔާންކާ ހުރީ އޭނާގެ އަދަބު އަހުލާގުގައި ނިކަން ގަދަ އަށް ހިފަހައްޓައިގެންނެވެ. ހާއްސަ މެހްމާނެއްގެ ގޮތުގައި މި ޝޯގައި ބައިވެރިވެ، އޯޑިއެންސްގެ ދެ ފޭނަކަށް ސްޓޭޖުން ފުރުސަތު ދީ އެމީހުންގެ ގައިގައި ލޯބިން ބައްދާލިޔަސް ފިރިހެން ސަޕޯޓަރަކަށް އެ ފުރުސަތެއް ނުދެ އެވެ.

މުޅިން ތަފާތު އެހެން މާނައެއް އެފަދަ އިޝާރާތަކުން ނެގިދާނެތީ ކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް އިންޓަނޭޝަނަލް ސްޓާރެއްގެ ދަރަޖަ ހޯދާފައިވާ ބޮލީވުޑްގެ މި ބަތަލާ އެ ރޭ ސްޓޭޖު މަތީގައި ފާޅުކުރި އަހުލާގަކީ އަޅުގަނޑުމެންގެ ފިލްމީ ދާއިރާގެ ފަންނާނުން ފިލާވަޅު ލިބިގަންނަންވީ ކަމެކެވެ.

ދިވެހި ފިލްމީ ދާއިރާ އަކީ ވަރަށް ވެސް ކުޑަ ތަނެކެވެ. ދާއިރާގެ މަސައްކަތަށް ބޭނުންވާ ފަންނުވެރިން އިތުރުވާ މިންވަރު މަދު އަދި މަސައްކަތުގެ ފެންވަރު ވެސް މައްޗަށް އަރައިގެންދާ ގޮތް އާންމުންގެ ހިޔާލުތަކާއި އުއްމީދުތަކާ ބައްދަލުނުވެފައި އޮތް ދާއިރާއެކެވެ. މިއީ މި ދާއިރާގެ ފަންނާނުންނަށް ޖުމްލަ ގޮތެއްގައި ފާޑުކިޔުން އަމާޒުވާ ފުރަތަމަ ސަބަބެވެ.

ރާއްޖޭގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއާ މެދު ދިވެހިންގެ އުއްމީދުތައް ހަގީގަތުގައި ވަރަށް ވެސް ބޮޑެވެ. ދިވެހި ފުޓްބޯޅަ ކުޅުންތެރިން ބޭރު ކްލަބްތަކުގެ ސަމާލުކަން ހޯދައި ފުރުސަތުތައް ތަނަވަސްކުރަމުން ގެންދާއިރު އާދައިގެ ކުދި މިއުޒިކް ބޭންޑްތައް އެ ވަނީ މަޝްހޫރު ރިކޯޑް ލޭބަލްތަކުގެ ސަމާލުކަން ހޯދައިފަ އެވެ.

ފިލްމީ ދާއިރާ އިން ވެސް ބޭރަށް އެމީހުންގެ މަސައްކަތްތަކެއް ނުގެންދާ ވާހަކައެއް ނޫނެވެ.

ކޮލިޓީއެއް ނެތް ވާހަކަ އެވެ. ފިލްމީ ދާއިރާގެ މި އޮތް ދިގު ތާރީޚުގައި، މި ސަރަހައްދުގެ އާދައިގެ ފިލްމު ފެސްޓިވަލެއްގެ ސަމާލުކަން އަތުލެވޭ ވަރުވީ ވެސް އަދިކިރިޔާ އެވެ.

ފިލްމީ ދާއިރާގައި ކުރިއެއް ފަޅަން 50 އަހަރު ނެގުމަކީ ދިވެހިން ފިލްމީ ދާއިރާ ދެކެ ފޫހިވި ސަބަބެވެ. މި ސަބަބާ ހެދި ދާއިރާގެ ފަންނާނުން ދެކެ ވެސް އިންތިހާ އަށް ރުޅި އަންނަނީ އެވެ.

ދެން އޮތީ ފިލްމީ ދާއިރާގެ ނަން މަޝްހޫރު ތަރިން އަމިއްލަ އަށް އެމީހުންގެ ނަންތައް ހަޑިކުރާ ވާހަކަ އެވެ. ފިލްމު ކުޅޭ މަޝްހޫރު މީހުންގެ ޒާތީ ދިރިއުޅުމަށް އަބަދުވެސް މީހުން ފާރަލާނެ އެވެ.

ފިލްމު ކުޅެން ނުވަތަ ލަވަކިޔަން ނުކުންނަ މީހާގެ އެންމެ ބޮޑު ޓާގެޓަކީ އޯޑިއެންސެވެ.

އާންމުންގެ ސަމާލުކަން އެ މީހަކަށް ލިބި އާންމުން އޭނާ ބަލައިގަންނަ ހިސާބަކީ އެ މީހާ ފަންނާނަކަށް ބަދަލުވެގެންދާ ހިސާބެވެ. ރާއްޖޭގެ ފިލްމީ ދާއިރާގައި "ސްޓާރެއް" ނުވަތަ "ފަންނާނަކު" ނެތޭ ކިޔާފައި އާންމުން ހަޅޭފަޅޭ ޖަހަނީ ކީއްވެގެން ހެއްޔެވެ؟ އެ މީހުންނަށް ގަބޫލުކުރެވޭ ފެންވަރަކަށް ނުވަތަ އެމީހުންގެ ސަމާލުކަން އަތުލެވޭ ފެންވަރަކަށް ޕާފޯމްނުކުރެވޭތީ އެވެ.

ފަހަރެއްގައި ފިލްމީ ތަރިންގެ އޮން ސްކްރީން ޕާފޯމެންސް ދަށްވެ، އާންމުންގެ މެދުގައި އަގު ވެއްޓިފައި ވަނީ އެމީހުންގެ އޮފް-ސްކްރީން ޕާފޯމެންސް މާ ބޮޑުވީމަ އެވެ.

ފިލްމީ ދާއިރާގެ މަޝްހޫރު ދެ ތަރިއަކު އެއް ޖިންސުން ގުޅުން ހިންގާ ވާހަކަ އާއި ދެން ތިބި ބަޔަކު ދެން ތިބި ބަޔަކާ ދިމާލަށް ހެއްދެވި ނެހެއްދެވި އަށް ގޮވާ ވާހަކަ އަކާއި ރާއްޖެ އިން ބޭރަށް ގޮސް ނާޗަރަންގީ ކުޅޭ ވާހަކަ އަކާއި ފިލްމީ ދާއިރާގެ މަޝްހޫރު އެކްޓަރަކު އިނދެ ވަރިކުރުމުގެ ސިލްސިލާއެއް ފަށައިގެން އުޅޭ ވާހަކަ ފަދަ ވާހަކަތަކަކީ ފިލްމީ ދާއިރާގެ ސުރުހީތައް ހާވާލައިފި ނަމަ މުޅިން ވެސް ފެންނަން ހުރި ވާހަކަތަކެވެ.

މިވެރިން އުފައްދާ ފިލްމެއްގެ ވާހަކަ މިހާ އާންމުކޮށް ސުރުހީ އަތުލާ ހެއްޔެވެ؟

ދެން ބުނާނެތެވެ. ޕާސަނަލް ޕާފޯމެންސަކީ، ޕާސަނަލް ޕާފޯމެންސެކެވެ. އެކަމާ އެއްވެސް ބަޔަކަށް ނުބެހެވޭނެ އެވެ.

ފިލްމުކުޅުމާއި އުފެއްދުން އޯޑިއެންސަކާ ނުވަތަ އާންމުންނާ ގުޅިފައިވާއިރު، މިފަދަ ސްޓޭޖަކަށް ނުކުންނަ ބަޔަކަށް އާންމުންގެ ލޯތްބާއި އިހްތިރާމް ހޯދަން ނޭނގޭ ނަމަ ދެން މި ފެންވަރުގެ ބަޔަކަށް އެނގޭނީ ކޮން ކަމެއް ހެއްޔެވެ؟

އާންމުންގެ ތެރެއަށް މަޝްހޫރުވާ މީހާގެ ޒާތީ ދިރިއުޅުން ނޫސްވެރިން ހަލާކުކޮށްލަނީކީއެއް ނޫނެވެ. އަދި އެ މީހެއްގެ އަގު ވައްޓާލަނީކީއެއްވެސް ނޫނެވެ. ވައިބާ ގްރޫޕެއްގައި ފިލްމީ ދާއިރާގެ މަޝްހޫރު ތަރިންތަކެއް މި ދާއިރާގެ އެހެން މީހަކާ ދިމާލަށް ހަޔާތްގޮވީ މީޑިއާގެ ރޭވުމެއްގެ ދަށުންތޯ އެވެ؟ އެ ނަފުރަތުގެ ހުޅުގަނޑު އާންމުންގެ ތެރެއަށް ފަޅައިގެން ދިޔައީ މީޑިއާ އާއި ދިވެހި ރައްޔިތުން ކުރި ކަމަކުންތޯ އެވެ؟

ބައެއް ފިލްމީ ތަރިންގެ މެދުގައި އެއް ޖިންސުގެ ލޯބި ފައްކާވެ އަނެއް ބަޔަކު މޫނުކެނޑި ދެން ހުރި މީހަކު އިނދެ ވަރިކުރަމުން ދަނީ، އެއީ ނޫސްވެރިން ޖައްސާ ދޭތެރެއަކުން ހެއްޔެވެ؟

އާންމުންގެ ލޯތްބާއި އިހްތިރާމް ބޭނުންވެގެން، އާންމުންގެ ސްޓޭޖަށް އަރާ މީހާގެ ފެންވަރާއި އަހުލާގު އެ މީހާ އަމިއްލަ އަށް ވެއްޔާމޮޑެލާފައިވާ ނަމަ އެމީހަކަށް އިހްތިރާމް ލިބޭނެ ހެއްޔެވެ؟ ފިލްމީ ދާއިރާ ބާއްވާފައި، ރާއްޖޭގެ ގަދަރާ ގުޅިފައިވާ ސުޕްރީމް ކޯޓަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ގޮތް ވެސް މިސާލަކަށް ނެގިދާނެ އެވެ.

އެހެންވީމަ މަޝްހޫރުވާ މީހާ އާއި އާންމުންގެ ސަމާލުކަމާއި ޝައުގުވެރިކަމާ ގުޅިފައިވާ ވާހަކަ ސުރުހީތަކަށް އަރާނެ އެވެ. ފިލްމީ ދާއިރާ އިން މި "މުޑުދާރު" ސުރުހީ އަށް ފުރުސަތު ހުޅުވަނީ ހަމަ މި ދާއިރާގެ ފަންނާނުންނެވެ.

މަޝްހޫރު މީހާ އަކީ އާދައިގެ ރައްޔިތެއް ނޫނެވެ. ހާއްސަކޮށް މަގްބޫލުކަން ލިބިފައިވާ ފިލްމީ ތަރިންނަކީ އެމީހުންގެ ކެރިއަރު ސަލާމަތްކުރުމަށް ވަރަށް ޕްރޮފެޝަނަލް ވޯކް އެތިކްސްއެއް ހިފަހައްޓާ ބައެކެވެ.

ދިވެހި ފިލްމީ ދާއިރާގެ ފަންނާނުންނަށް ވާނުވާ ނޭނގެނީސް އެމީހުންނަށް ދިވެހި ރައްޔިތުންގެ ލޯތްބެއް އަނބުރައެއް ނުލިބޭނެ އެވެ. މިހެން ދެންނެވިޔަސް ކޮޕީ އިއްސެމެން ފަދަ ދިވެހިން ބަލައިގެން، ހިތުން ޖާގަ ދީފައިވާ ފަންނާނުން މި ދާއިރާގައި ތިބިކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

މިސާލަކަށް ކޮޕީ އިއްސެ އާއި ދެން މި ތިބި އެހެން ތަރިންނާ އަޅާ ބަލާލިޔަސް އެމީހުންގެ އަހުލާގީ ފެންވަރު އޮތް ހިސާބު އެންމެނަށް ވެސް ފެންނާނެ އެވެ.

ހިތާމަ އަކީ އަހުލާގު ރަނގަޅު ތަރިން މަދުކަމެވެ. ނަމަވެސް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަކީ ވެސް އެއް އިރެއްގައި ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައި އޮތް ދާއިރާ އެކެވެ. އެންމެން ސިޔާސީވީމަ އެ ލޯތްބައި ޝައުގުވެރިކަން ގެއްލުނީއެކޭ ވެސް އަދި ނުބުނެވޭނެ އެވެ.

އެއްޗެއް ނުވަތަ ބައެއްގެ އަގު ވެއްޓޭނީ ހިސާބަށް ވުރެ ފެންވަރު ދަށްވީމަ އެވެ. މި ދާއިރާގެ ބައެއް މަޝްހޫރު ތަރިން މިއަދު ވެފައި މި ވަނީ ދާއިރާ ހަލާކުކުރާ ކެންސަރަކަށެވެ. ދާއިރާގެ މިއަދުގެ ހަލާކަކީ ޒާތީ ހަސަދަ އާއި ދެބައޮޑުވުން ފިލްމީ ދާއިރާގައި ކުރިއަށް ނެރެފައިވާ މަޝްހޫރު ތަރިންނެވެ. ލީކުވި އޯޑިއޯ އިން މި އެންމެންގެ ނަންތައް ތަރުތީބުކޮށްލެވޭނެ އެވެ.

ޒާތީ ތައައްސުބުން ފުރި އުތުރި އަރަމުންދާ މި ޓިއުމަރު ނަގައި އެއްލާ ނުލެވެނީސް ފިލްމީ ދާއިރާ ދެން ސަލާމަތެއް ނުވާނެ އެވެ.