އޮބިޗުއަރީ

މެންބަރު ފަޒުލްގެ ބައްޕަ އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބައްޕަ އަބްދުއްރަޝީދު އަލީ އަވަހާރަވެއްޖެ އެވެ.

މ. ޒޭވަރު (މއ. ހަނީސަކްލް) އަބްދުއްރަޝީދު އަވަހާރަވީ މިއަދު ހެނދުނު އިންޑިއާގެ ބެންގަލޫރުގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އުމުރުފުޅުން 75 އަހަރުގައި އަބްދުއްރަޝީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ދަރިކަނބަލުން އަދި ހަތަރު ދަރިކަލުން ދުނިޔޭގެ އެބަތިއްބެވި އެވެ.

އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން 20 އަހަރު އަދި އެ އަތޮޅުގެ އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރައްވާފަ އެވެ.

ފުލުސް ކޯޓުގެ އިސް ގާޒީ ކަމާއި، ބަންޑާރަނައިބްގެ އެހީތެރިޔާކަމާއި، އަހްމަދިއްޔާ ސްކޫލުގެ ފުރަތަމަ ނާޒިރުކަމާއި އަދި ތިންވަނަ ނާޒިރުކަންވެސް އަބްދުއްރަޝީދު ވަނީ ކުރައްވާފަ އެވެ.

މީގެއިތުރުން މައްޗަށްގޮޅި އަވަށު ކޮމިޓީއާއި މާފަންނު އަވަށު އޮފީހުގައިވެސް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވެ އެވެ.

އަބްދުއްރަޝީދު އަލީގެ އާއިލާ ބޭފުޅަކު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަބްދުއްރަޝީދުގެ ހަށިކޮޅު މާލެ ގެނައުމުގެ މަސައްކަތް އާއިލާ އިން ކުރަމުން ގެންދާތީ ކަށުނަމާދު އޮތް ވަގުތެއް އަދި ޔަގީން ނުވާ ކަމަށެވެ.