އިއްޔެ އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބައްޕަ އަބްދުއްރަޝީދު އަލީގެ ހަނދާނުގައި ހަމަ ހިމޭން ކަމުގެ ސުކޫތެއް މަޖިލީހުގައި މިއަދު ގެނެސްފި އެވެ.
މ. ޒޭވަރު (މއ. ހަނީސަކްލް) އަބްދުއްރަޝީދު އަވަހާރަވީ އިއްޔެ ހެނދުނު އިންޑިއާގެ ބެންގަލޫރުގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަބްދުއް ރަޝީދުގެ އާއިލާއަށް ތައުޒިޔާ ދަންނަވައި އޭނާ ގައުމަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރައްވާފަ އެވެ. އަދި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން ދެއްވުމަށް އެދި ރައީސް ނަޝީދު ވަނީ ދުއާ ދަންނަވާފަ އެވެ.
އުމުރުފުޅުން 75 އަހަރުގައި އަބްދުއްރަޝީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ދަރިކަނބަލުން އަދި ހަތަރު ދަރިކަލުން ދުނިޔޭގެ އެބަތިއްބެވި އެވެ.
އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން 20 އަހަރު އަދި އެ އަތޮޅުގެ އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރައްވާފަ އެވެ.
ފުލުސް ކޯޓުގެ އިސް ގާޒީ ކަމާއި، ބަންޑާރަނައިބްގެ އެހީތެރިޔާކަމާއި، އަހްމަދިއްޔާ ސްކޫލުގެ ފުރަތަމަ ނާޒިރުކަމާއި އަދި ތިންވަނަ ނާޒިރުކަންވެސް އަބްދުއްރަޝީދު ވަނީ ކުރައްވާފަ އެވެ.
މީގެއިތުރުން މައްޗަށްގޮޅި އަވަށު ކޮމިޓީއާއި މާފަންނު އަވަށު އޮފީހުގައިވެސް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވެ އެވެ.