ސިވިލް ކޯޓުގެ ގާޒީ ކަމަށް އަލަށް އައްޔަންކުރަން ނިންމެވި ދެ ބޭފުޅުން މިއަދު ހުވާކުރައްވައިފި އެވެ.
ގާޒީ ކަމުގެ ހުވާކުރެއްވި ދެ ބޭފުޅުންނަކީ ސ. ފޭދޫ، ފިތިރޯނުގެ، ޒުލައިހާ ޝީޒާ އާއި ގއ. މާމެންދޫ، ފެހިގެ، އަހްމަދު ނިމާލް އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ.
މިރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބައެއް ކޯޓުތަކުގެ އިސް ގާޒީންނާއި ބަންޑާރަނައިބްގެ އިތުރުން ޖޭއެސްސީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ތެރެއިން ޒުލައިހާ އަދި ނިމާލް ގާޒީ ކަމަށް އައްޔަންކުރަން ނިންމަވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަން އާންމުކުރެއްވީ މިމަހުގެ ހަވަނަ ދުވަހު އެވެ.
ޒުލައިހާ ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަސިޓީން ބެޗްލާސް އޮފް ލޯސް ހާސިލްކުރައްވައި، ބާކްބެކް ކޮލެޖް، ޔުނިވަސިޓީ އޮފް ލަންޑަންއިން މާސްޓާ އޮފް ލޯސް އިން ކޮންސްޓިޓިއުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއާ ސްޓޭޓް އެޓާނީ އަދި ސްޓޭޓް އެޓާނީ މަގާމުގައި ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ވެސް ކުރައްވާފަ އެވެ.
ނިމާލް ވަނީ ވިލާ ކޮލެޖުން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ އެވެ. މީގެއިތުރުން ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އެއް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފަ އެވެ.
ސިވިލް ކޯޓުގެ ގާޒީންގެ އަސާސީ މުސާރަ އަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ވެސް ލިބެ އެވެ.
ގާޒީކަން ކުރައްވާ ބޭފުޅުންނަށް ޖުމްލަ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 46،650 ރުފިޔާ ލިބެ އެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމަށް ޒުލައިހާ އާއި ނިމާލް އައްޔަންކުރުމާ ގުޅިގެން އެ ކޯޓުގައި މިވަގުތު 16 ގާޒީން މަސައްކަތް ކުރައްވާނެ އެވެ.