ރައްޔިތުންގެ މަޖިލިސް

ޑްރަގު މައްސަލަތަކުގައި އިދާރާތަކުގެ އެއްބާރުލުން ނުލިބޭ: އިމްރާން

ރައީސް ސޯލިހާއި ސީޕީ ހަމީދުގެ ފަހަތްޕުޅުން ހޯމް މިނިސްޓަރު އިމްރާން ވަޑައިގަންނަވަނީ: ޑްރަގު މައްސަލަތަކުގައި އިދާރާތަކުގެ އެއްބާރުލުން ނުލިބޭކަމަށް އިމްރާން ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މަސްތުވާތަކެތީގެ މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފާޑުވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ލިޔުމުން ހޯއްދަވަން ހުށަހެޅި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

ހަސަން ލަތީފް އެއްސެވީ ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގަސްދުގައި ގޯސް ހަދާ ފުލުހުން ތިބޭތޯ ފާހަގަކުރެވިފައިވޭތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވި ގަސްދުގައި ފުލުހުން ގޯސް ހަދާ ކަމަށް ފާހަގަވެފައިނުވާ ކަމަށެެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި މުއައްސަސާތަކުގެ އެއްބާރުލުން ނުލިބޭކަން ފާހަގަކުރެއްވި އެވެ.

އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިފެހެއްޓޭ ފޯނުތައް ބަލައި ފާސްކުރުމުގެ އަމުރު 2021 ވަނަ އަހަރުގެ އޮގަސްޓުމަހުން ފެށިގެން ކޯޓުން ދީފައިނުވާ ކަމަށެވެ. އަދި އެ އަމުރު ނުދިނުމުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައި އެޕީލްކޮށްދިނުމަށް އެދުމުން ވެސް އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށެވެ.

އެހެން ނަމަވެސް ދާދި ފަހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކޯޓުން ފޯނު އެކްސްޓްރެކްޓް ކުރުމުގެ އަމުރު ނުދިނުމުން ޕީޖީން ބުނިގޮތަށް އަމަލުކޮށް ކޯޓަށް ފޮނުވުމުން ވެސް އަމުރު ނުލިބުމުން އެ މައްސަލަ ޕީޖީން ހައިކޯޓުގައި އެޕީލް ކުރި ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެހެންކަމުން ނުނިޔަތެއް އޮވެގެން މަސައްކަތް ކުރުމަށްވުރެ މަސްތުވާތަކެތީގެ ތަހުގީގްކޮށްފައިވާ މައްސަލަތަކުގައި ފެންނަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ދޭން ޖެހޭ ސަމާލުކަން ދީގެން އަދިވެސް މަސައްކަތް ކުރަންވާ އެންމެ ރަނގަޅު ގޮތުގައި ނުކުރެވޭ ކަމެެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިވާގޮތަށް ހުރި ކަންކަން ބަދަލުކުރުމަށް ކުރަން ހުރި ކަންކަން އަދިވެސް ނުކުރެވި ހުރި ކަމެވެ" އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ކޯޓަށް ފޮނުވާފައިވީ ނަމަވެސް ބަންދު ރިވިއުކުރުން ފިޔަވައި އެހެން އެއްވެސް ކަމެއް ކުރިއަށް ނުދާ އެތައް މައްސަލައެއް ކޯޓުގައި އެބައޮތް ކަމަށެވެ. އެގޮތުން ޖުމްލަ 10 ފަހަރަށް ބަންދު ރިވިއުކުރި އިރު އަދި އިބްތިދާއީ މަރުހަލާގައި ހުރި މަސައްކަތްތައް އެބަހުރި ކަމަށެވެ.

"އެކަމުގެ ނަތީޖާއަކަށް ވާނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން، ތަފާތު އުޒުރުތަކާއި، ސިއްހީ ސަބަބުތައް ދައްކައި، ބަންދުން ދޫވެގެން ދިއުމެވެ. ނުނިޔަތެއް އޮވެގެން ސިސްޓަމްގައިވާ ލޫޕްހޯލްތައް އެނގިގެން ކަންކަން ގޯސްކޮށް ކުރާކަން އެނގޭ ނަމަ، އެފަދަ މައްސަލަތައް ހުށަހަޅައި އެކަން ބަލައި އެފަދަ ފަރާތްތަކާ މެދު ސިސްޓަމްގެ ތެރެއިން ފިޔަވަޅު އެޅޭނެ އުސޫލުތައް މުއައްސަސާގައި ގާއިމު ކުރެވިފައިވެ އެވެ،" އިމްރާން ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިބްރާ

ޕީޕީއެމްގެ މެމްބަރުން މުވައްސަސާތަކުގައި ތިބެގެންތޯ އެއްބާރުލުން ނުލިބެނީ؟ ނޫނީ ސަރުކާރު ފޭލިވެއްޖެ ވާހަކަތޯ ތިޔަވިދާޅުވަނީ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345