ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ރޯދައިގެ ކުރީން ބޫސްޓާ ޖެހުމަށް އިލްތިމާސް ކޮށްފި

ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރީން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން ވެކްސިން ޖަހާ ނިންމުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ރޯދަ މަހުގެ ކުރީން ޝަރުތު ހަމަވާ ހުރިހާ އެންމެން ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެ އެެޖެންސީން ވަނީ ރޯދަ މަހު ވެކްސިން ޖަހައިދޭ ގަޑިތައްވެސް އާންމުކޮށްފައެވެ.

ރޯދަ މަހު ވެކްސިން ޖަހައިދޭނީ ރޭގަނޑު 9 އިން 11 އަށެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 398،348 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 371،439 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ޖަހައިދޭން ފެށީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. ނަމަވެސް މިހާރު 18 އަހަރުން މަތީގެ މީހުންނަށް ވަނީ ވެކްސިނަށް ހުޅުވާލާފައެވެ.

މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 143،477 މީހުންނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.